23 ފެބުރުއަރީ 2025 - 17:15

ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެެކެވެ.
ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަކީ، އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދެފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން މި ދައުރުފުޅުތަކުގެ ތެރޭގައި މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާ ވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އެވެ.