14 މާޗް 2017 - 19:19

ލަގްޒަމްބާގު (މާޗް 14) - ވަޒީފާގެ މާހައުލުގައި ވަޒީފާ ދޭ ފަރާތުން ބޭނުން ނަމަ ބުރުގާ މަނާކުރެވިދާނެ ކަމަށް ޔޫރަޕުގެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިން މި ގޮތަށް ނިންމާފައި ވަނީ ބުރުގާ އަޅާތީ ވަޒީފާ އިން ވަކިކުރި ދެ އަންހެނަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ޔޫރަޕުގެ އެންމެ މަތީ ކޯޓުން ބުނެފައި ވަނީ ސިޔާސީ، ފިލޯސޮފިކަލް އަދި ދީނީ ނިޝާނެއް އަންގައިދޭ ކަމެއް ބޭރު ފުށުން ފެންނަން ހުންނަ ނަމަ ވަޒީފާ ދޭ ފަރާތަށް އެކަން މަނާ ކުރެވޭނެ ކަމަށެވެ. އަދި ބުރުގާ އެޅުން މަނާކުރުމަކީ ތަފާތު ކުރުމެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.
ލަގްޒެމްބޯގުގައި ހުންނަ ކޯޓުން ބުނެފައި ވަނީ ކަސްޓަމަރުންގެ ކުރިމަތީގައި ކުންފުނިތަކުގެ މީހުން ހަމަހަމަކޮށް ތިބުމަށާއި އެގޮތަށް ހެދުން އެޅުމަށް މުވައްޒަފުންނަށް އެންގުމަކީ ވަޒީފާ ދޭ ފަރާތަށް ލިބިދޭ ހައްގެއް ކަމަށެވެ. އަދި ކަސްޓަމަރަކު ބޭނުން ވެގެން ބުރުގާ ބާލަން ނޭންގޭނެ ކަމަށް ވެސް ކޯޓުގެ ހުކުމުގައިވެ އެވެ. ބުރުގާ އެޅުން މަނާކުރެވޭނީ ކުންފުނީގެ އެތެރޭގައި އެފަދަ ގަވާއިދެއް އޮވެގެން ކަމަށް ވެސް ބުނެފައިވެ އެވެ.
ޔޫރަޕިއަން ކޯޓަށް މައްސަލަ ގެންދިޔައީ ބުރުގާ އަޅާތީ ވަޒީފާ އިން ވަކިކުރި ބެލްޖިއަމްގެ ސީ4އެސް ސެކިއުރިޓީ ކުންފުނީގެ މުވައްޒަފަކާއި ފްރާންސްގެ މައިކްރޯޕޯލްގެ މުވައްޒަފެކެވެ. އެ މީހުން ފުރަތަމަ މައްސަލަ ހުށަހެޅީ އެ މީހުންގެ ގައުމުތަކުގެ ކޯޓަށެވެ. ޔޫރަޕުގެ ކޯޓަށް މައްސަލަ ވެއްދީ އޭގެ ފަހުންނެވެ. މައިކްރޯޕޯލްގެ މުވައްޒަފު ވަޒީފާ އިން ވަކިކުރީ އޭނާ ބުރުގާ އަޅާތީ ކަސްޓަމަރަކު ޝަކުވާ ކުރުމުންނެވެ.