ވީއޭއެމްގެ ބަޖެޓަށް 43 މިލިއަން ރުފިޔާ ފާސްކޮށް، 10 އަހަރުގެ މާސްޓާ ޕްލޭނަކާ ދިމާލަށް
ވީއޭއެމްގެ ބަޖެޓަށް 43 މިލިއަން ރުފިޔާ ފާސްކޮށް، 10 އަހަރުގެ މާސްޓާ ޕްލޭނަކާ ދިމާލަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކަކަށް ފޯކަސް ކޮށްގެން 43.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

ވީއޭއެމްގެ ބަޖެޓަށް 43 މިލިއަން ރުފިޔާ ފާސްކޮށް، 10 އަހަރުގެ މާސްޓާ ޕްލޭނަކާ ދިމާލަށް
ވީއޭއެމްގެ ބަޖެޓަށް 43 މިލިއަން ރުފިޔާ ފާސްކޮށް، 10 އަހަރުގެ މާސްޓާ ޕްލޭނަކާ ދިމާލަށް

ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ބަޖެޓްގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ އެކްޓިވިޓީ ރިޕޯޓާއި އަހަރީ ފައިނޭންޝަލް ރިޕޯޓު ހާމަކޮށް، މި އަހަރު ބާއްވާ މުބާރާތްތަކުގެ ކަލަންޑަރު ވެސް ފާސްކޮށްފަ އެވެ.

ވީއޭއެމްގެ މިއަހަރުގެ އެންމެ ބޮޑު އަމާޒަކަށް ވަނީ މަގުބޫލު ކޯޗަކާ އެކު ޒުވާނުން ތަމްރީނު ކުރުމަށް ޔޫތު ޑެވެލޮޕްމަންޓް ޕްރޮގްރާމެއް ފެށުމެވެ. މި ކަމަށް ރާއްޖޭން ބޭރުގެ ކޯޗެއް މި މަހު އެސޯސިއޭޝަނާ ގުޅޭނެ ކަމަށް އެސޯސިއޭޝަނުން ފާހަގަ ކުރެ އެވެ. އަދި ރާއްޖޭގެ ވޮލީބޯޅައިގެ 10 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް އެހީތެރިވާނޭ އިތުރު ކޯޗެއް ވެސް ވަރަށް އަވަހަށް ގުޅޭނެ ކަމަށް ޖަލްސާގައި ފާހަގަ ކުރި އެވެ.

މިދިޔަ އަހަރު އެސޯސިއޭޝަން ހިންގަން 5.2 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބުނެވެ. ނަމަވެސް 7.2 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.

ވީއޭއެމަށް އެންމެ ބޮޑު ފަންޑެއް ލިބެނީ ސަރުކާރުގެ ފަރާތުންނެވެ. މި އަހަރު ވެސް ސަރުކާރުގެ ފަރާތުން އެސޯސިއޭޝަނަށް ބޮޑު އެހީއެއް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވާއިރު، މިއަހަރުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރުމަށް ކަނޑައަޅާފައި ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަ ކުރުމަށާއި ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓު ކުރުމަށެވެ.

އެގޮތުން ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓް ކުރުމަށް 10.2 މިލިއަން ރުފިޔާ ހިމަނާފައި ވާއިރު، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަ ކުރުމަށް 15.1 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. މީގެ އިތުރުން ޓްރޭނިން ކޭމްޕްތަކަށް ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ހިމަނާފައި ވާއިރު، ރާއްޖޭގައި ބާއްވާ ލޯކަލް މުބާރާތްތަކަަށް ހިމަނާފައި ވަނީ 7.8 މިލިއަން ރުފިޔާ އެވެ. އަދި ޔޫތު ޑެވެލޮޕްމަންޓަށް 3.5 މިލިއަން ރުފިޔާ އެސޯށިއޭޝަންގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

މި އަހަރުގެ ކަލަންޑަރުގައި ރާއްޖޭގައި ގައުމީ ފެންވަރުގައި 17 ވޮލީބޯޅަ މުބާރާތާއި ހަތަރު ބީޗް ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ރާވާފަ އެވެ. މީގެ އިތުރުން ގައުމީ ޓީމުތަކުން ބައިނަލްއަގުވާމީ 18 މުބާރާތެއްގައި ބައިވެރިވާއިރު، ދާއްޖޭގައި ބައިނަލްއަގުވާމީ ހަތަރު މުބާރާތެއް ހޯސްޓް ކުރާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގެ ހަރުގޭގައި ބޭއްވި އަހަރީ ބައްދަލުވުމުގައި އެސޯސިއޭޝަންގެ ދާއިމީ 13 މެންބަރުންގެ ތެރެއިން 11 މެމްބަރުން ބައިވެރިވިއެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ 16 މެންބަރުންގެ ތެރެއިން 13 މެންބަރުން ވަނީ ބައިވެރިވެފަ އެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ، އޭވީސީގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް، އޭވީސީ ޒޯނަލް (ސެންޓްރަލް) އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްގެ މަގާމުވެސް އަދާކުރައްވާ ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފެވެ.

މިއީ ކުރީ ހިންގާ ކޮމިޓީ ދަރުގެ ފަހު ބައްދަލުވުމެވެ. މިދިޔަ ފެބްރުއަރީ މަހު އަލަށް އިންތިހާބުވި ހަތަރު އަހަރުގެ ކޮމިޓީގެ ދައުރު މިއަދު ވަނީ ފެށިފަ އެވެ. ރައީސް ލަތީފް ހިމެނޭ ގޮތަށް ކުރީގެ ގިނަ މެމްބަރުން ވަނީ ކުރިއަށް އޮތް ހަތަރު އަހަރަށް ވެސް އިންތިހާބު ވެފަ އެވެ.