15 މާޗް 2017 - 11:40

އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތަށް މިއަދު 30 އަހަރު ފުރޭއިރު އަމާޒަކީ އިތުރު ފަރުވާ އާއި ހިދުމަތްތައް ތައާރަފްކުރުން ކަމުގައި އެތަނުން ބުނެފި އެވެ.
"މެޑިކްލިނިކް"ގެ ނަމުގައި 1987 ވަނަ އަހަރު ހުޅުވި، މިހާރު ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ވަނީ 30 އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ރާއްޖެ އިން ދެވެން ހުރި އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ދޭއިރު، ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުން ވެސް އެ ހޮސްޕިޓަލުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
އޭޑީކޭ އިން ބުނިގޮތުގައި އެތަނުގެ އެންމެ ބޮޑު އަމާޒަކީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމެވެ. އަދި އެތަނުން ދޭ ހިދުމަތްތައް މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާކުރާނެ ކަމަށާއި އެގޮތުން އިތުރު ވަސީލަތްތަކާއި އަލަށް ތައާރަފް ކުރާ ހިދުމަތްތަކާ އެކު ހޮސްޕިޓަލުގެ އާ އިމާރާތާއި ތިއޭޓާ ކޮމްޕްލެކްސް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
އޭޑީކޭގެ އަނެއް އަމާޒަކީ ބައިނަލް އަގްވާމީ ފެންވަރުގައި އެކްރިޑެޓެޑް ހޮސްޕިޓަލަކަށް އެތަން ހެދުމެވެ. އެގޮތުން އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން އެކްރެޑިޓް ކުރަން ނިންމައި ވަރަށް އަވަހަށް އެކަން ކުރާނެ ކަމަށް އެތަނުން ބުންޏެވެ.
ހޮސްޕިޓަލުގައި ދޭ ހިދުމަތްތަކުގެ އިތުރުން އޭޑީކޭ އިން އަންނަނީ ސިއްހީ ގޮތުން ރައްޔިތުން ހޭލުންތެރިކޮށް، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނެ ގޮތަކަށް ރައްޔިތުންގެ އާދަތައް ގެންގުޅުމަށް ހިތްވަރުދީ، އެ ފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު ބޭނުންވާ ކޮންމެ ސިއްހީ ހިދުމަތެއް ފަސޭހަކަމާއި އަވަސް ކަމާއެކު ދުނިޔޭގެ ފެންވަރުގައި އޭޑީކޭން ފޯރުކޮށްދިނުމެވެ.'' އަހަރީ ދުވަހާ ގުޅުވައިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.