ލެވަކޫސަނާ އެއްވަރުކޮށް އެތުލެޓިކޯ ކުއާޓާ އަށް
ލެވަކޫސަނާ އެއްވަރުކޮށް އެތުލެޓިކޯ ކުއާޓާ އަށް

މެޑްރިޑް (މާޗް 16) - ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާ ލެވަކޫސަނާ ލަނޑެއް ނުޖެހި އެއްވަރުކޮށް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުގެ ރަނަރަޕް އެތުލެޓިކޯ ކުއާޓާ އަށް ދަތުރުކުރީ ރަށުން ބޭރުގައި 4-2 އިން ލެވަކޫސަން އަތުން ހޯދި މޮޅާ އެކު އެވެ. އެތުލެޓިކޯ އަކީ ކުއާޓާ ފައިނަލުން ޖާގަ ހޯދި ސްޕެއިނުގެ ތިން ވަނަ ޓީމެވެ. އަނެއް ދެ ޓީމަކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ.

ރޭގެ މެޗުގައި ލެވަކޫސަންގެ ޖޫލިއަން ބްރަންޑް އާއި ކެވިން ވޮލަންޑް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. މީގެ އިތުރުން ވެސް ލެވަކޫސަންގެ އެޓޭކްތައް ހުއްޓުވަން އެތުލެޓިކޯ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެތުލެޓިކޯ ވެސް ވަނީ މި މެޗުން މޮޅުވުމާ ގާތަށް ޖެހިލައިފަ އެވެ. އެ ޓީމުގެ އަންޑްރެއާ ކޮރޭއާ އާއި ކޯކޭ ފޮނުވާލި ޝޮޓުތައް ލެވަކޫސަން ކީޕަރު ބާންޑް ލެނޯ ވަނީ ދިފާއުކޮށްފަ އެވެ.

މި ބައްޔާ އެކު ލެވަކޫސަން މި ފަހަރުގެ މުބާރާތުން ވެސް ކަޓާފައިވާއިރު، އެ ޓީމަށް އެންމެ ފަހުން މި މުބާރާތުގެ ކުއާޓާ އިން ޖާގަ ލިބުނީ 2001/2002 ވަނަ އަހަރުގެ މުބާރާތުގަ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ޖެހިޖެހިގެން ގިނަ އަހަރުތަކެއްގައި ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުމަކީ އެ ކްލަބަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ޗެމްޕިއަންސް ލީގަކީ ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް. މި މުބާރާތުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނުމަކީ ކާމިޔާބެއްގެ ގޮތުގައި އަބަދުވެސް އަހަރެން ދެކެނީ،" ސިމިއޯނީ ބުންޏެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ގުރުއަތުލުން އޮންނާނީ މާދަމާ އެވެ. ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުތަކަކީ ބާސެލޯނާ، ރެއާލް މެޑްރިޑް، ލެސްޓާ ސިޓީ، ޔުވެންޓަސް، މޮނާކޯ، އެތުލެޓިކޯ މެޑްރިޑް، ބަޔާން މިއުނިކް އަދި ބޮރޫޝިއާ ޑޯޓްމަންޑް އެވެ