19 މާޗް 2017 - 06:10

ރާކީއަކީ 1970ގެ އަހަރުތަކުގައި ވަރަށް ކާމިޔާބުވި ބަތަލާ އެކެވެ. އެ ޒަމާނުގައި އާޝާ ޕަރެކް ފިޔަވައި އެންމެ ރަނގަޅު އާމްދަނީއެއް ވެސް ލިބިފައިވަނީ ރާކީ އަށެވެ. މިއަހަރު ރާކީއަށް 70 އަހަރު ފުރޭއިރު އޭނާ ވަނީ ފިލްމު ކުޅުން ހުއްޓާލާފަ އެވެ. ފާމް ހައުސްއެއްގައި އޭނާ އެކަނިމާއެކަނި އުޅޭ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް ދާދިފަހުން އިންޑިއާގައި ފާހަގަކުރި ކުލަ އާއި ފެން ޖެހުމުގެ އީދު ނުވަތަ ހޯލީގައި ރާކީ ބައިވެރިވެ އޭނާގެ ފިރިމީހާ ގުލްޒާރު އާއި ދަރިފުޅު މެގްނާއާ އެކު މަޖާކޮށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. މި ފޮޓޯތައް ފެނުމުން އެއީ ހަމަ ރާކީ ބާއޭ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުނެވެ. އެހާވެސް ބޮޑަށް ވަނީ ބަދަލުވެފަ އެވެ.

ރާކީ ފިލްމު ކުޅެން ފެށީ 1967 ގައި ނުކުތް ބެންގާލީ ފިލްމު "ބަންދޫ ބަރަން" އިންނެވެ. އެ ފިލްމުން ސުނިލް ދަތަށް ރާކީ ފާހަގަ ކުރެވިގެން އޭނާގެ "ރޭޝްމާ އައުރު ޝޭރާ"ގެ ބަތަލާއަކަށް ހޮވި އެވެ. ނަމަވެސް އެ ފިލްމު ރިލީޒްވުމުގެ ކުރިން ރާކީގެ "ޖީވަން މިރްތިޔު" އާއި "ޝަރްމީލީ" ރިލީޒްވި އެވެ. ފުރަތަމަ ފިލްމުގެ ބަތަލަކީ ދަރްމެންދުރަ އެވެ. "ޝަރްމީލީ"ގެ ބަތަލަކީ ޝަޝީ ކަޕޫރެވެ. އެއާއެކު ރާކީ ގުލްޒާރް އާއި ޝަޝީ ކަޕޫރުގެ ޖޯޑު ހިޓްވެ ފުލުފުލުގައި ނުވަ ފިލްމު މި ޖޯޑު ކުޅުނެވެ. މީގެ ތެރެއިން ހަތަރު ފިލްމު ކްރިޓިކްސްގެ އިންތިހާއީ ތައުރީފާއެކު ވެސް ފްލޮޕްވީއިރު އަނެއް ފަސް ފިލްމަކީ ސުޕަ ހިޓްތަކެވެ.
ރާކީގެ ފިލްމީ ކެރިއަރުގައި 1967 އިން ފެށިގެން 2003 އާ ހަމައަށް 91 ފިލްމު ކުޅެފައިވެ އެވެ. އަދި ގިނަ ފިލްމުތަކެއްގައި އޭނާ ކުޅެފައިވާ ބައިތައް މޮޅުކަމުން ތައުރީފު އޮހުނެވެ. ރާކީ އަކީ އަމީތާބުގެ ލޯބިވެރިޔާގެ ރޯލާއި މަންމަގެ ރޯލު އަދާކޮށްފައިވާ ހަމައެކަނި ބަތަލާ އެވެ.
ޓީންއޭޖް އުމުރުގައި އަޖޯއީ ބިސްވާސް ކިޔާ މީހަކާ ރާކީ ކައިވެނި ކުރި އެވެ. އާއިލާއިން ދެއްކި މި މީހާއާ އެކު އޭނާއަކަށް މާ ގިނަ ދުވަހަކު ނޫޅެވުނެވެ. މާ ގިނަ ދުވަހެއް ނުވެ ދެ މީހުން ވަރިވީ އެވެ.
ރާކީ ދެން ކައިވެނި ކުރީ މަޝްހޫރު ޑައިރެކްޓަރު އަދި ޝާއިރު ގުލްޒާރުއާ އެވެ. މިހާރު މަޝްހޫރުވަމުން އަންނަ ފިލްމު ޑައިރެކްޓަރު މެގްނާ ގުލްޒާރަކީ ރާކީ އާއި ގުލްޒާރަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ.
މެގްނާ ލިބުނުތާ މާ ގިނަ ދުވަހެއް ނުވެ ރާކީ އާއި ގުލްޒާރްގެ ކައިވެނީގައި މައްސަލަތައް ޖެހުނެވެ
ރާކީ އާ ގުލްޒާރު ކައިވެނި ކުރީ ކައިވެންޏަށްފަހު ފިލްމީ ކެރިއަރު ދޫކޮށްލަން ޝަރުތުކޮށްފަ އެވެ. ނަމަވެސް ކައިވެންޏަށްފަހު ރާކީ އަށް ލިބުނު ފިލްމީ ފުރުސަތުތައް ރަނގަޅުކަމުން އޭނާއަށް ކެރިއަރު ދޫކޮށްލަން ދަތިވީ އެވެ. އެންމެ ފަހުން ގުލްޒާރު ރާކީ އަށް އެންގީ ކެރިއަރު ނޫނީ އޭނާ ކުރެން ކޮންމެވެސް އެއް ކަމެއް ޚިޔާރު ކުރުމަށެވެ. ނަމަވެސް ފިރިމީހާ ޚިޔާރުކޮށްގެން އޭނާއަށް ހުރެވުނީ ވަރަށް މަދު ދުވަސްކޮޅަކު އެވެ. ޔާޝް ޗޯޕްރާގެ "ކަބީ ކަބީ" ލިބުމާއެކު އޭނާ އަލުން ފިލްމީ ދުނިޔެއަށް އެނބުރި ދިޔައީ އެވެ.
ދެ މީހުން މައްސަލަޖެހި ވަކިވިޔަސް ހުރި އެންމެ ދަރިފުޅުގެ ހައްގުގައި ވަރިއެއް ނުވެ އެވެ. ރާކީ ވަކިން އެހެން ގެއެއްގައި ދިރިއުޅުނުއިރު ގުލްޒާރު ދިރިއުޅުނީ މުމްބައީ ގައި ހުންނަ އޭނާގެ ގޭގަ އެވެ.
ރާކީ ފިލްމު ކުޅުން ހުއްޓާލިތާ މިހާރު 13 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވުމާ އެކު ރާކީ އާއި ގުލްޒާރު އެކުގައި ފެނުމުން ޒަމާންގަނޑަކަށް ފަހު ދެ މީހުން އަލުން ގުޅުނީ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.