20 މާޗް 2017 - 06:19

ކެމްބޯޑިއާގެ ޕީކްޓްރާ ޕޯވް ނަމަކަށް ކިޔާ މި ކުއްޖާ އުފަންވި އިރު ވެސް ބޮލުގެ ނާށިގަނޑުގައި ބޮޑު ރެނދެއް ހުއްޓެވެ. މި ކުއްޖާއަށް ބަލިވެ އިނދެ ހަތް މަހުގައި ވެސް މިކަން އެނގެ އެވެ.

މަންމަ ސްރޭ، 40، ގެ ސްކޭންތަކުން ޑޮކްޓަރުންނަށް މިކަން ފާހަގަވި ވިޔަސް މިއީ ކެމްބޯޑިއާގެ ޑޮކްޓަރުންނަށް ރަނގަޅުކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ.
ކުއްޖާއަށް ވެފައިވާ ގޮތެއް ޑޮކްޓަރުންނަށް ނޭނގޭތީ، އުފަންވުމާ އެކު އެއްވެސް ފަރުވާއެއް ނުދީ އަވަހަށް ކުއްޖާގެ މަންމައާ އެކު ގެއަށް ފޮނުވާލީ އެވެ. މިހާރު ކުއްޖާ އަށް ހަ އަހަރު ފުރިފައިވާއިރު އާއިލާއިން ބުނަނީ އުމުރުން ދުވަސްވާ ވަރަކަށް ކުއްޖާގެ ބޮލުގައި އިން ރެނދު ފުޅާވެ ފުންވަމުންދާ ކަމަށެވެ. މި ރެނދު އިންނަނީ އެ ކުއްޖާގެ ނިތްކުރީގެ މެދުން ފެށިގެން ބޮލުގެ ފުއްކިބައާ ހަމައަށެވެ.
ޑޮކްޓަރުން ސުރޭ ގާތު ބުނެފައި ވަނީ އެ މީހުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް ކުއްޖާގެ މާމަ ތޯން ހޮންގް، 67، ހުރީ އެ ކުއްޖާ ފަސޭހަ ކުރެވޭނެ ގޮތެއް ހޯދޭތޯ އެވެ. ކުއްޖާގެ ފަރުވާ އަށް ބޭނުންވާ ފައިސާ ހޯދަން ކޮންމެ ދުވަހަކު އޭނާ އެތައް ބަޔަކަށް ސަލާން ޖަހަ އެވެ.
ތޯން ބުނި ގޮތުގައި އޭނާގެ އަންހެންދަރިފުޅު ބަނޑަށް ތިންމަހުގައި ވެސް ޑޮކްޓަރަށް ދެއްކި އެވެ. ނަމަވެސް އޭރުވެސް ބަނޑުގައި އޮތް ކުއްޖާގެ އެއްވެސް އައިބެއް ހުރި ވާހަކައެއް ޑޮކްޓަރުން ނުބުނެ އެވެ. ކުއްޖާގެ ސީރިއަސް މައްސަލައެއް ހުރި ވާހަކަ ބުނީ ބަނޑަށް ހަތް މަހުގަ އެވެ. އެހެންވެ ދެން ހެދޭނެ އިތުރު އެއްވެސް ގޮތެއް ނެތުނީ ކަމަށް މާމަ ބުންޏެވެ.
"ޕީކްޓްރާ އުފަންވިއިރު ވެސް ބޮލު މެދުގައި ވަރުގަދަ ރެނދެއްލައި ނާށިގަނޑު ވަނީ ދެބައިވެފަ. އަދި ދުވަހެއް ދުވަހަކަށް އެތަން އެ ރެނދު ދަނީ ފުޅާވަމުން. އަހަރެންގެ އަތް ހުރަހަށްވާ ގޮތަށް އެ ދޭތެރެއަށް ހަމަ ރީއްޗަށް އަތް ލެވޭ،" ތޯން ބުންޏެވެ.
ޕީކްޓްރާގެ ބައްޕަ ވަނީ އޭނާ އުފަންވުމުގެ މާ ކުރިން މަންމަ ދޫކޮށްލާފައި ގޮސްފަ އެވެ. އެހެންވެ އޭނާ ބަލަހައްޓަނީ މަންމަ އެވެ.
ކުއްޖާގެ މާމަ ބުނި ގޮތުގައި ޕީކްޓްރާއަށް ފަސް އަހަރުވި އިރު ބޮލުގެ ތެރޭގައި ފެން ހުންނަހެން ވެސް ހީވެ އެވެ. އަދި ބޯ މާ ބޮޑަށް ބޮޑުވާކަން ވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް ޑޮކްޓަރުންނަކަށް އޭނާއަކަށް ދޭނެ ފަރުވާއެއް ނޭނގުނެވެ.
ސަލާން ޖަހައިގެން ލިބެނީ ވަރަށް މަދު ފައިސާކޮޅެއް ކަމަށާއި ޕީކްޓްރާއަށް ދިމާވާ ފިޓް ޖެހުން ފަދަ ކަންކަމަށް ބޭނުންވާ ބޭސް ލޯކަލް ޗެރިޓީތަކުން ލިބޭ ކަމަށް ވެސް ތޯން ބުންޏެވެ.