21 މާޗް 2017 - 06:10

ދަރިއަކު މައިންބަފައިންނަށް އިހްތިރާމްކޮށް ހެޔޮކޮށް ހިތާ މަންޒަރު ފެނި ސޯޝަލް މީޑިއާގައި މި ޚަބަރު ވަރަށް ބޮޑުވެއްޖެ އެވެ. ބަހްރޭންގައި މަސައްކަތްކުރާ، އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ޑޭވިޑް ޑޭވާސީ ޗިރާމަލް ބޭނުންވީ އޭނާއާ އެކު މައިންބަފައިން ބަހްރޭނަށް ގެންދާށެވެ.
ޗިރާމަލް އަކީ ބަހްރޭންގައި ވަރަށް ރަނގަޅު ވަޒީފާއެއް އަދާކޮށް ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބޭ މީހެކެވެ. އަދި އޭނާގެ އަންހެނުންނާއި ދަރިން ވެސް ދިރިއުޅެނީ ބަހްރޭނުގަ އެވެ.
އޭނާގެ ކައިރީގައި މައިންބަފައިން ބައިތިއްބައިގެން ރަނގަޅަށް ބަލަހައްޓަން ޗިރާމަލް ކިތަންމެ ބޭނުންވިޔަސް ބަހްރޭނަށް ދާން ބައްޕަ އެއްބަހެއް ނުވި އެވެ. ބައްޕަ އަކީ ކެރެލާ މީހުން އަންނަ ހުދު މުންޑު އަނދެގެން ފައިވާނަށް ނާރާ އުޅޭ މީހަކަށް ވެފައި އެގޮތަށް އުޅެން ބަހުރޭނަށް ހިނގައްޖެ ނަނަ ދަރިފުޅު ލަދުގަންނަން ޖެހޭނެ ކަމަށް ބައްޕަ ބުނެ އެވެ.
ބައްޕަ އެއްބަސްކުރުވަން ޗިރާމަލް ކަންތައް ކުރީ އާދަޔާ ހިލާފު ގޮތަކަށެވެ. ޗިރާމަލް އޭނާގެ ދުވަސްވީ މައިންބަފައިން ކައިރިއަށް ހުސްފަޔާ ގޮސް، އެމީހުން ދާން އެއްބަސްނުވާހާ ހިނދަކު ފައިވާނަށް ނާރާނެ ކަމަށް ބުންޏެވެ.
"ހުސްފަޔާ ހިނގީމަ ކުޑަކޮށް ފަޔަށް ތަދުވޭ. އެކަމަކު އަހަރެންގެ މައިންބަފައިންގެ ގުރުބާނީއާ ދޭތެރޭ ވިސްނާލެވުނީމަ މި ކުޑަ ތަދުން އަހަންނަކަށް އެއްވެސް އަސަރެއް ނުކުރޭ،" ޗިރާމަލް ފޭސްބުކްގައި ލިޔެފައިވެ އެވެ.
މިގޮތަށް ހުސްފަޔާ ހިނގަން ފެށުމުން ޗިރާމަލްގެ މައިންބަފައިން އޭނާއާ އެކު ބަހްރޭނަށް ދާން އެންމެ ފަހުން އެއްބަސްވި އެވެ. ޗިރާމަލް ބުނި ގޮތުގައި މައިންބަފައިން އޭނާއަށްޓަކައި ވީ ގުރުބާނީ އިހްސާސް ކުރެވުނީ އޭނާ ވެސް ބައްޕައަކަށް ވީ ފަހުންނެވެ.
ޗިރާމަލް މިހާރު ވަނީ މައިންބަފައިން ގޮވައިގެން ބަހްރޭނަށް ގޮސްފަ އެވެ. އޭނާ ދަތުރަށް ނުކުތީ ބައްޕަ އަންނަ ކަހަލަ ހުދު ފޮށައެއް އަނދެ ބައްޕަ ހުންނަ ގޮތަށް ހުސް ފަޔާ އެވެ. އެ ދިގު ދަތުރު އޭނާ ހޭދަކުރީ އެގޮތަށެވެ. މުންޑު އަނދެގެން ފައިވާނަށް ނާރާ ހުރި ބައްޕަ ގޮވައިގެން ދާން އޭނާ ލަދު ނުގަންނަކަން ސާބިތުކޮށްދިނެވެ.