ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސްކުރަން ރައީސް ޔާމީން އެދިވަޑައިގެންފި
ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސްކުރަން ރައީސް ޔާމީން އެދިވަޑައިގެންފި

ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަަތައް އަވަސްކުރަން ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.

ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ކޯޓުތަކުގެ މައްސަލަތައް އަވަސްކުރަން ސުޕްރީމް ކޯޓުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެއީ ވަކި މައްސަލައެއް ނޫން ކަމަށާއި ހުރިހާ މައްސަލަތަކެއް ވެސް އޭގެތެރޭގައި ހިމެނެންޖެހޭ ކަމަށް ވިދާޅުވި އެވެ.

މައްސަލަތައް އަވަސްކޮށްދެއްވާނެ ކަމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައިވާ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ދައުލަތުގައި މީގެ ކުރިން ހިނގަން ފަށާފައި ނުހިނގާ، ކޮންމެވެސް ސަބަބަކާ ހުރެ ބުރެކި ޖެހިފައި ހުރި މައްސަލަތައް އަވަސްކުރުމަކީ އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުތަކުން ކޮރަޕްޝަންގެ ބޮޑެތި ކަންކަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވާއިރު މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ މައްސަލަތައް ބަލައި ފިޔަވަޅުނާޅައި ހުރީ، އެއީ ތުހުމަތުތަކެއް ކަން ރައްޔިތުންނަށް ވިސްނައިދޭށެވެ. ރައީސް ކުރަން ޖެހޭ ކަމަކީ އެ މައްސަލަތައް އަވަސްކުރަން ބާރު އެޅުން ކަމަށާއި ރިޔާސީ ކޮމިޝަންތައް ހަދައިގެން މައްސަލަތައް ބެލުން ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ރައްޓެހިންތަކެއް ލައިގެން ރިޔާސީ ކޮމިޝަނެއް ހަދައިގެން މައްސަލަތަކެއް ނުބަލާނެ، އެއީ މި ރައީސް ނުކުރާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެކަމަކު ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސްކުރަން އެދިވަޑައިގަތުމަކީ ރައީސަށް ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.