15 ޖޫން 2016 - 11:27

ތިޔަ ސުވާލަށް ޖަވާބެއް ދިނުމަށް ތާރީޚްގެ ތެރެއަށް ވަދެލާނަމެވެ. ހެކްކުރުމުގައި ހެކަރުން އަމަލުކޮށްފައި ހުރި ވަކި ތަރުތީބެއް ފެނޭތޯ އެވެ.
ހެކްކުރަނީ މައިގަނޑު ތިން ކަމަކަށްޓަކަ އެވެ. މަޖަލަށެވެ؛ ވައްކަންކުރުމަށެވެ؛ ހަލާކުކުރުމަށެވެ.
މޮޅު މީހަކަށް ވުމަށް ހެކްކުރެ އެވެ. ތައުރީފް ހޯދުމަށާއި ޖެހިލުންނުވާ މީހަކަށް ވުމަށް ވެސް ހެކްކުރެ އެވެ. ވިންޑޯޒް އެޑްމިން ޕާސްވޯޑް ބަދަލުކުރުން ވެސް ހެކްކުރުމުގެ ތެރެއަށް ވަންނަ ފަހަރު އާދެ އެވެ.
މުއްސަނދިވުމަށް ހެކްކުރެ އެވެ. އެންމެ ގިނައިން ހެކްކުރަނީ ފައިސާ ހޯދުމަށެވެ. ބޭންކާއި އޮންލައިން ވިޔަފާރިތައް ހެކްކުރަނީ މުއްސަނދިވުމަށެވެ. ހެކަރުންގެ ތެރޭގައި އެންމެ ގިނައީ މާލީ ތަނަވަސް ކަމަށްޓަކައި ހެކްކުރާ މީހުންނެވެ.
ނެޓްވޯކެއް ނުވަތަ ކޮމްޕިއުޓަރު ސިސްޓަމެއްގައި ހުރި ބަލިކަށިކަން ދެއްކުމަށް ހެކްކުރެ އެވެ. އެ ބަލިކަށިކަމެއް ރަނގަޅުކުރުމަށް ހެކަރުން ބައެއް ފަހަރު ނަސޭހަތްތެރިވެ އެވެ. އެ ބަލިކަމުން ފައިދާ ނަަގައި އެ ސިސްޓަމަކާ ގުޅިފައި ހުންނަ ހާޑްވެއާތައް ބައެއް ފަހަރު ހަލާކުކޮށްލަ އެވެ. އެއްގޮތަކަށް ބޭނުންނުކުރެވޭ ވަރު ވެސް ކުރެ އެވެ.
ހެކްކުރުން އާންމުކޮށް މާނަކުރެވެނީ ފަނާކުރަނިވި އަމަލެއް ގޮތުގަ އެވެ. ހެކްކުރުން ބިނާކުރަނިވި އަމަލަކަށް ވާ ފަހަރު ވެސް އާދެ އެވެ. ތަޅެއް ތަޅުލެވި ހުޅުވާނެ ގޮތެއް ނެތް ހާލު އެ ތަޅު ހުޅުވައިދޭނެ މީހަކަށް ބޭނުންވެ އެވެ. އެ މީހަކު ތަޅު ހުޅުވައިފި ނަމަ އެއީ ވައްކަންކުރަން ކުރި ކަމެއް ނޫނެވެ.
އިނގިލީގެ ނިޝާނާއި ލޮލުގެ ކަޅި ސްކޭންކުރަން ޖެހޭ ދޮރެއް ނުހުޅުވިއްޖެ ހާލަތެއްގައި އެ ހުޅުވައިދޭނެ މީހަކަށް ބޭނުންވެ އެވެ.
ސަލާމަތީ ރައްކާތެރިކަމަށްޓަކައި ސީސީޓީވީ ނެޓްވޯކްތަކަށް ވަންނަން ޖެހެ އެވެ. އޮފީހެއްގައި ނުވަތަ ކުންފުންޏެއްގައި މުވައްޒަފުން ކުރާނުކުރާ ބެލުމަށްޓައި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ވަންނަން ޖެހެ އެވެ. އެއިން ހާލަތެއްގައި މެނޭޖްމަންޓަށް އެހީތެރިވުމުގެ ގޮތުން ސިސްޓަމްތަކަށް ވަދެގަތުން ފަނާކުރަނިވި ކަމަކަށް ނުވެ އެވެ. އެއީ ވެސް ހެކްކުރުމެވެ. އެކަމަކު އެއީ "އެތިކަލް ހެކިން" އެވެ. އެހެންކަމުން ބިނާކުރަނިވި ބޭނުމުގައި ހެކްކުރުން ރަނގަޅު ކަމަކަށްވެ އެވެ.