24 މާޗް 2017 - 18:39

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިރޭ ވެސް ޕޮލިހަށް ހާޒިރުވާން އަންގައިފި އެވެ.
މިރޭ 8:30 ޕޮލިހަށް ހާޒިރުވުމަށް އަންގައި ފާރިސް އަށް ވަނީ ޗިޓް ހަވާލުކޮށްފަ އެވެ. ފުލުހުން ވަނީ އިއްޔެ ވެސް ވަނީ ފާރިސް ހާޒިރުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް ފުލުހުން ހާމައެއްނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި ފާރިސް އިއްޔެ ހާޒިރުކުރީ، މައުމޫން ވެރިކަމުގައި ހުންނެވިއިރު، ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ހަރަދުކުރެއްވި ގޮތާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގަކަށެވެ. އެ ތަހުގީގަށް އިއްޔެ ވެސް އޭނާ އެތައް ފަހަރަކު ހާޒިރުކޮށްފައިވެ އެވެ.
މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ފާރިސް ޕޮލިހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އިސްކޮށް އުޅުއްވާތީ، ބިރުދެއްކުމުގެ ގޮތުންނެވެ. އަދި ފާރިސްއާ ސުވާލުކުރީ އޭނާއާ ގުޅުމެއް ނެތް މައްސަލައެއްގައި ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ފާރިސް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ވެސް މި މަހު އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. އޭސީސީ އަށް ހާޒިރުކުރީ، 2008 ގައި ނެރުނު ތީމުގޭ އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތަކަކާ ގުޅިގެން ކަމަށްވެ އެވެ. އޭގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ގުޅިގެން ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާ ވެސް ކުރިން ސުވާލުކޮށްފައިވެ އެވެ.