ހަޒާޑާއި ކޯޓުއާއަށް ބިޑްކުރަން ރެއާލުން ތައްޔާރުވަނީ
ހަޒާޑާއި ކޯޓުއާއަށް ބިޑްކުރަން ރެއާލުން ތައްޔާރުވަނީ

މެޑްރިޑް (މާޗް 25) – ޗެލްސީގެ މިޑްފީލްޑަރު އެޑިން ހަޒާޑާއި ގޯލްކީޕަރު ތިބައޫ ކޯޓުއާ އަށް ބިޑްކުރަން ރެއާލް މެޑްރިޑުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކޮންމެ ސީޒަނެއްގައި ވެސް "ގަލަކްޓިކޯސް" ނުވަތަ ސުޕަސްޓާރެއް ގެނައުމުގެ ޕޮލިސީއެއް ގެންއުޅޭއިރު އިނގިރޭސި މީޑިއާ އިން ބުނާ ގޮތުގައި ޕެރޭޒް ވަނީ އަންނަ ސީޒަނަށް ގެންނާނެ ސުޕަސްޓާރަަކަށް ހަޒާޑް ކަނޑައަޅާފައިވާ ކަމަށެވެ.

މެޑްރިޑުން ކޯޓުއާ ގެންނަން ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެނައުމަށް ދަތިތަކެއް ހުރުމުންނެވެ. މީގެ ކުރިން އޭނާ ވިއްކާލަން ޔުނައިޓެޑުން އެއްބަސްވި ނަމަވެސް ޓްރާންސްފާ ވަގުތު ޖެހުނުއިރު ލިޔެކިޔުންތައް ނުނިމުމުން އެކަންނުވީ އެވެ. އޭގެ ފަހުން ޑެހެއާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.

ކޯޓުއާ މީގެ ކުރިން ލޯނެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ކުޅެފައިވާއިރު އޭނާގެ ލޯބިވެރިޔާ އާއި ދަރިފުޅު ދިރިއުޅެނީ އަދިވެސް މެޑްރިޑުގަ އެވެ. އެހެންވެ ރެއާލް މެޑްރިޑުން ފުރުސަތު ލިބިއްޖެ ނަމަ އޭނާ ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

ކޯޓުއާ އާއި ހަޒާޑް ލިބިއްޖެ ނަމަ މެޑްރިޑުން ކޮލަމްބިއާ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒާއި ގޯލްކީޕަރު ކޭލާ ނާވަސް ދޫކޮށްލާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަޒާޑާއި ކޯޓުއާ ހޯދުމަށް މެޑްރިޑް އޮތީ ފޯވާޑް އަލްވާރޯ މޮރާޓާ ޗެލްސީއަށް ދޫކޮށްލަން ތައްޔާރަށެވެ. ޔުވެންޓަސް އަށް ކުޅުމަށް ފަހު އެނބުރި އައިސް މޮރާޓާ އަށް މެޑްރިޑުގެ ފުރަތަމަ އެގާރައިން ޖާގައެއް ކަށަވަރުކުރެވިފައިނުވެ އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ، މޮރާޓާ ޔުވެންޓަސް އަށް ގެންދިޔަ ކޯޗަށްވާތީ އޭނާގެ ބެލުމުގެ ދަށުން ޗެލްސީއަށް ބަދަލުވާން މޮރާޓާ ބޭނުންވުމުގެ ފުރުސަތު އެބައޮތެވެ.