ބްރެޒިލްގެ ކޯޗުކަމުން ޑުންގާ ވަކިކޮށްފި
ބްރެޒިލްގެ ކޯޗުކަމުން ޑުންގާ ވަކިކޮށްފި

ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 15) - ކޮޕަ އެމެރިކާގެ ގްރޫޕް ސްޓޭޖުން ބްރެޒިލް ކެޓުމުން އެ ޓީމުގެ ކޯޗު ޑުންގާ މަގާމުން ވަކިކޮށްފި އެވެ.

ބްރެޒިލަށް 1994 ވަނަ އަހަރުގެ ވޯލްޑް ކާމިޔާބުކޮށްދިން ކެޕްޓަން މަގާމުން ވަކިކުރިކަން ބްރެޒިލްގެ ފެޑެރޭޝަނުން އިއުލާންކުރީ ރޭ ނެރުނު ނޫސްބަޔާނެއްގަ އެވެ. ޑުންގާގެ ބަދަލުގައި ބްރެޒިލް ކޯޗަކަށް ދެން ހަމަޖައްސާނެ ކަމަށް ބެލެވެނީ ޓީޓޭ އެވެ.

ކޮޕަ އެމެރިކާ ގްރޫޕް ސްޓޭޖުން ބްރެޒިލް ކެޓިއިރު މިއީ މި މުބާރާތުގައި ބްރެޒިލުން ފާއިތުވި 30 އަހަރު ތެރޭގައި އެންމެ ދަށް ނަތީޖާ ނެރުނު ފަހަރެވެ. ފުރަތަމަ މެޗުން އެކުއެޑޯއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެ ވަނަ މެޗުން ހައިޓީ އަތުން 7-1 އިން މޮޅުވި އެވެ. ނަމަވެސް ފަހު މެޗުން ޕެރޫ އަތުން 1-0 އިން ބަލިވުމުން ބްރެޒިލް ކެޓީ އެވެ.

ޕެރޫ މެޗަށް ފަހު ޑުންގާ ބުނީ މަގާމުން ވަކިކޮށްފާނެތީ އެކަމާ ބިރެއް ނުގަންނަ ކަމަށާއި އޭނާ ކަންބޮޑުވަނީ ބްރެޒިލް ފެޑެރާޝަނުގެ ނުފޫޒުގެ ސަބަބުން އެ ގައުމުގެ ފުޓްބޯޅަ ހަލާކުވެދާނެތީ ކަމަށެވެ.

ޑުންގާ ދެ ވަނަ ފަހަރަށް ބްރެޒިލް ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރު އެ ގައުމުގައި އޮތް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ޖާމަނީ އަތުން 7-1 އިން ބަލިވުމުން އޭރުގެ ކޯޗު ލުއިސް ފިލިޕޭ ސްކޮލާރީ މަގާމުންް ވަކިކުރުމުންނެވެ.

ފުރަތަމަ ފަހަރަށް ޑުންގާ ބްރެޒިލް ކޯޗުކަމާ ހަވާލުވީ 2006 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް ޑުންގާ އެ ޓީމާ ހަވާލުވީ ސްކޮލާރީގެ ބަދަލުގަ އެވެ.

ފާއިތުވި ދުވަސްތަކުގައި، ޑުންގާގެ އިރުޝާދުގެ ދަށުން ބްރެޒިލަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވެ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލް އޮތީ ހަ ވަނައިގަ އެވެ.