ކޮލެސްޓްރޯލް މަތިވުމުން، ދުވަސްވީ މީހުންނަށް ނުރައްކާ ވޭތަ؟
ކޮލެސްޓްރޯލް މަތިވުމުން، ދުވަސްވީ މީހުންނަށް ނުރައްކާ ވޭތަ؟

އުމުރުން މަތީ މީހުންގެ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވިޔަސް ހިތުގެ ބަލި ޖެހުމުގެ ނުރައްކަލެއް ނޯންނަ ކަމަށް ފަހުގެ ދިރާސާއެއްގައި ބުނެފައި ވާތީ، ހިތުގެ ހާއްސަ ޑޮކްޓަރުން އެކަމާ ސުވާލު އުފައްދަން ފަށައިފި އެވެ.

ބައިނަލްއަގުވާމީ ޓީމަކުން ކުރި މި ދިރާސާގައި، އުމުރުން 60 އަހަރުން މަތީގެ މީހުންގެ ހަށިގަނޑުން ކޮލެސްޓްރޯލް ދަށްކުރުމަށް ޑޮކްޓަރުން "ސްޓެޓިން" ބޭސް ދޭތީ އެކަމާ ވެސް ސުވާލު އުފައްދާފައިވެ އެވެ.

މިހާތަނަށް ވެސް ގަބޫލުކުރެވިފައި އޮންނަނީ ހަށިގަނޑުގައި ޖުމުލަ ގޮތެއްގައި ކޮލެސްޓްރޯލް ހުންނަ މިންވަރު މަތިވުމުން ހިތުގެ ބަލިތަށް ޖެހޭނެ ކަމަށެވެ. ކޮލެސްޓްރޯލްގެ މިންވަރު ނުރައްކާތެރި މިންވަރަކަށް މަތިވެއްޖެ ކަމަށް ޑޮކްޓަރުން ބުނެ އުޅެނީ އެލްޑީއެލް ކޮލެސްޓްރޯލްގެ ވާހަކަ އެވެ. އާންމުކޮށް މިއަށް ކިޔަނީ "ބޭޑް ކޮލެސްޓްރޯލް" އެވެ. މިއީ ލޭ ހޮޅިތަކުގެ އެތެރޭގައި ކޮލެސްޓްރޯލް ހިފައި ހޮޅިތައް ބެދުމަށް މެދުވެރިވާ ސަބަބެވެ.

އެކަމަކު ކޮލެސްޓްރޯލަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މުހިންމު ފެޓެކެވެ.

ބީއެމްޖޭ އޯޕަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ އަކީ އެމެރިކާގައި މިހާތަނަށް ކޮށްފައިވާ 19 ދިރާސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާތަކުގައި 68،094 މީހެއްގެ އެލްޑީއެލް ކޮލެސްޓްރޯލް މަތިވުމުން އެ މީހުންނަށް ކުރިމަތިވި ސިއްހީ މައްސަލަތަކަށް ބަލާފައިވެ އެވެ.

ދިރާސާގެ ނަތީޖާގައި ބުނެފައި ވަނީ އެލްޑީއެލް މަތީ މިންވަރަކަށް ހުރި އުމުރުން ދުވަސްވީ މީހުންގެ 80 ޕަސެންޓް މީހުން އެލްޑީއެލް މަދުން ހުރި މީހުންނަށް ވުރެ އުމުރު ދިގު ކަމަށެވެ. އެހެންވެ މި ދިރާސާ ކުރި ޓީމުން ބުނެފައި ވަނީ ހިތުގެ ބަލިން ރައްކާތެރިވުމަށް އަމަލުކުރަންޖެހޭ ކަމަށް ބުނާ ގޮތްތައް ރިވިއުކުރަން ޖެހޭ ކަމަށާއި ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ ބޭސްތަކުން ލިބޭ ހަގީގީ ފައިދާއަށް ވުރެ، މާ ބޮޑުކޮށްލައިގެން ދައްކަނީ ކަމަށެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަންގެ އެސޯސިއޭޓް މެޑިކަލް ޑިރެކްޓަރު ޑރ. ޖެރެމީ ޕިއާސަން ވިދާޅުވެފައި ވަނީ އެލްޑީއެލް ކޮލެސްޓްރޯލް މަތިވުމާއި މަރުވުމާ ހުރި ގުޅުން ދިރާސާ ޓީމަށް ފާހަގަ ނުވިޔަސް އެކަމާ ހައިރާންވެ ވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އުމުރުން ދުވަސްވަމުން ދިޔަ ވަރަކަށް ސިއްހަތަށް ނޭދެވޭ އަސަރުކުރާ ވަރަށް ގިނަ ކަންތައްތައް މެދުވެރިވާ ކަމަށާއި އެހެންވެ ކޮލެސްޓްރޯލްގެ ސަބަބުން މަރުވާ މީހުންނާއި އެހެން ސަބަބުތަކުގައި މަރުވާ މީހުން ދެނެގަންނަން ވަރަށް ދަތިވާނެ ކަމަށެވެ.

"އެ ދިރާސާގައި ދެއްކި ހެކިތަކަށް ވުރެ، ފުޅާ ދާއިރާއެއްގައި ކޮށްފައިވާ ދިރާސާތަކުން ވަރަށް ސާފުކޮށް އެނގޭ ކޮލެސްޓްރޯލް ދަށްކުރުމުން، ހިތުގެ ބައްޔާރު ސްޓްރޯކް ޖެހިގެން މަރުވާ ރޭޓް ދަށްވާކަން،" ޑރ. ޕިއާސަން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި އެލްޑީއެލް ކޮލެސްޓްރޯލް ހުންނަ މިންވަރާ ހިތުގެ ބަލިތަކާ ހުންނަ ގުޅުން ރިވިއުކުރުމަށް ދިރާސާގައި ބުނެފައި ވިޔަސް އެއީ އޮށްޓަރެއް ހުރި ވާހަކައެއް ކަމަށް ގަބޫލުކުރެވެން ނެތް ކަމަށެވެ.