09 ނޮވެމްބަރ 2025 - 13:48

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދަން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ފުލުހުންނާ މިއަދު މަޝްވަރާކޮށްފި އެވެ.
މިއީ އެންއައިސީ އަށް އާ މެންބަރުން އައްޔަން ކުރެއްވި ފަހުން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިސް އޮފިސަރުންނާ އެކު އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
ފުލުހުންގެ އިދާރާ އިން މިއަދު ބުނީ، ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ދެ އިދާރާގައި ވެސް މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނުދޭން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. އަދި ތަހުގީގު ކުރުމުގައި ދެ އިދާރާއިން ވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރިކުރުވަން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެެއްވި އެވެ.
ޕޮލިސް ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޑެޕިއުޓީ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު ބައިވެރިވެވަޑައިގެންނެވި އެވެ.
އެންއައިސީގެ ފަރާތުން އެ ކޮމިޝަނުގެ އާ ރައީސް ޝުއައިބް އަބްދުއްރަޙްމާނާއި އެ ކޮމިޝަންގެ އެހެން މެމްބަރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.