"ބްރޫނޯ އެންމެ ދެރަވީ މާސޭގެ އިސްތަށިގަނޑު ފެނިފައި"
"ބްރޫނޯ އެންމެ ދެރަވީ މާސޭގެ އިސްތަށިގަނޑު ފެނިފައި"

އިންޑިއާގެ ގޯއާގައި 1999 ގައި އޮތް އެ ސާފް ޗެމްޕިއަންޝިޕަށް ކ. ހުރާގެ ހުނަރުވެރި ދެ ފޯވާޑުން ކަމަށްވާ އަލީ ޝިހާމް (އައްޔަ) އާއި މައުސޫމް އަބްދުލްޣަފޫރު (މާސޭ) ދަތުރުފެށީ ގައުމީ ފުޓްބޯޅަ ޓީމާ އެކު ރަން މެޑަލް ހޯދުމުގެ އުއްމީދުގަ އެވެ. އެ ދެ ކުޅުންތެރިންގެ މޮޅު ކުޅުމާ އެކު ރާއްޖޭން ގްރޫޕުގެ އެއް ވަނަ ހޯދައި ސެމީ ފައިނަލަށް ދަތުރުކުރި އެވެ. އެކަމަކު ސެމީގައި އިންޑިއާ އަތުން 2-1 އިން ބަލިވެ ފައިނަލުން ފުރުސަތެއް ނުލިބުނެވެ.

"ބްރޫނޯ އެންމެ ދެރަވީ މާސޭގެ އިސްތަށިގަނޑު ފެނިފައި"
"ބްރޫނޯ އެންމެ ދެރަވީ މާސޭގެ އިސްތަށިގަނޑު ފެނިފައި"

އެ މެޗުގައި އެ ދެ ކުޅުންތެރިންނާއި، ރާއްޖޭގެ އުއްމީދުތަކަށް ހުރަސް އެޅީ އިންޑިއާގެ އޭރުގެ ކެޕްޓަން އަދި ހުނަރުވެރި ފޯވާޑް ބްރޫނޯ ކުޓީނިއޯ އެވެ. ބައިޗުން ބުޓިއާގެ ގޯލުން އިންޑިއާ ލީޑު ނަގާފައި އޮއްވާ ވިލްދާން މުހައްމަދު ރާއްޖެ އަށް އެއްވަރުވެސް ކޮށްދިނެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ބްރޫނޯ ވައްދާލި ގޯލާ އެކު ރާއްޖެ ބަލިވީ އެވެ.

އޭގެ 26 އަހަރު ފަހުން އިއްޔެ، އައްޔަ އާއި މާސޭއާ ބްރޫނޯ ބައްދަލުވި އެވެ. މި ފަހަރު ވެސް ގޯއާގެ ފުޓްބޯޅަ ދަނޑުންނެވެ. އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ގޯއާގައި މިހާރު ކުރިއަށްދާ ވެޓްރަންސް މުބާރާތެއްގައި އެ ސްޓޭޓުގެ ޓީމަކާއި، ރާއްޖޭގެ އެމްއެސް ސްޕޯޓްސް ކުޅުނު މެޗުގެ ކުރިންނެވެ. މި ފަހަރު ވެސް ވެސް ކުރި ހޯދީ ބްރޫނޯގެ ޓީމުންނެވެ. އެކަމަކު ދެ ޓީމު ވެސް ދެ ފަޅިން ސެމީ ފައިނަލަށް ހޮވިފައިވާތީވެ އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގެ އެ ނަތީޖާ އެހާ މުހިއްމެއް ނޫނެވެ.

އިއްޔެގެ ބައްދަލުވުމުގައި ތިން ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ އިހުތިރާމެވެ. އައްޔަ އާއި މާސޭ އަށް، ބްރޫނޯ އަކީ، އެ ދެ ކުޅުންތެރިންގެ ޒުވާން ދުވަސްވަރުގެ ލެޖެންޑެކެވެ. ބްރޫނޯ އަށް، އެ ދެ ކުޅުންތެރިންނަކީ އޭނާގެ ކެރިއަރުގެ ޕީކުގައި ފެނުނު ހުނަރުވެރި ޒުވާން ތަރިންނެވެ. އެ ފަހަރު ރާއްޖެ ބަލިވި ނަމަވެސް، ދެއްކި ކުޅުމަށް ބްރޫނޯ ތައުރީފުކުރި އެވެ.

"އޭނާގެ ހަނދާނުގައި އެބަހުރި އަދިވެސް އެ މެޗު. ރާއްޖޭގެ ކުޅުން އޭނާ ވަރަށް ބޮޑަށް ފާހަގަކުރި،" އައްޔަ ބުންޏެވެ.

އިންޑިއާގައި ކުޅިވަރުގައިދޭ އެންމެ ޝަރަފްވެރި އިނާމު ކަމަށްވާ އަރްޖުނާ އެވޯޑް ހާސިލްކޮށްފައިވާ، އަދި އިންޑިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައިވާ ބްރުނޯ އެންމެ ފާހަގަކުރީ އައްޔަ އާއި މާސޭގެ ފިޓްކަމެވެ.

"އޭނާ އަށް ހަށިގަނޑަށް އެހާ ވަރަށް ނުބެލޭ ކަމަށް ބުނީ. އެކަމަކު އަހަރެމެން ދެ މީހުން އަދިވެސް އޭރު ތިބި ގޮތަށް ފިޓްކޮށް ތިބީމާ އެ ވާހަކަ ވަރަށް ދެއްކި،" އައްޔަ ބުންޏެވެ.

އެކަމަކު ބްރޫނޯ އެންމެ ދެރަވީ މާސޭގެ ވަރުގަދަ ބުޅި އިސްތަށިގަނޑު ފެނިފަ އެވެ. ބްރޫނޯ އަކީ އޭނާގެ ރަން ޒަމާނުގައި އެފަދަ ވަރުގަދަ އިސްތަށިގަނޑެއްގެ ވެރިއެކެވެ.

"ސަމާސާކޮށްލާފައި ބުނީ މާސޭގެ ބޯ ފެނިފައި، ވަރަށް ދެރަވެއްޖެ ކަމަށް،" އައްޔަ ހެމުން ހެމުން ބުންޏެވެ.

އައްޔަ އަކީ ބްރޫނޯ އާއި އައިއެމް ވިޖަޔަން އަދި ބައިޗުން ބުޓިއާ އަށް ފަހު ދެކުނު އޭޝިއާގައި އޭރު އެންމެ ވިދާލި އެއް ފޯވާޑެވެ. އޭނާ އަކީ 1999 ގެ ސާފް ގޭމްސް އާއި، ބްރިސްޓަލް ފްރީޑަމް ކަޕާއި، 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތް އަދި، 2003 ގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ލީޑިން އެޓޭކަރެވެ. އެގޮތުން ގައުމީ ޓީމުގެ ފުރަތަމަ ހެޓްރިކް ހެދީ ވެސް 2003 ގައި ބޫޓާން ކޮޅަށް އައްޔަ އެވެ.

"ވަރަށް އުފާވި އޭރުގެ ލެޖެންޑަކާ ބައްދަލުވެ ވަގުތުކޮޅެއް ހޭދަކޮށްލެވުމުން. އޭރުގެ އުފާވެރި ހަނދާންތައް އާވި ވަރަށް ބޮޑަށް،" ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ އައްޔަ ބުންޏެވެ.