ނިޔާވި އަންހެން މީހާގެ ދަރިފުޅުގެ ހާލު ސީރިއަސް!
ނިޔާވި އަންހެން މީހާގެ ދަރިފުޅުގެ ހާލު ސީރިއަސް!

އައްޑޫ ހިތަދޫގައި އަމިއްލަ ފަރާތަކުން ހިންގާ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި ވިހެއުމަށް އެޑްމިޓް ކޮށްފައި އޮތް އަންހެންމީހާ ސިޒޭރިއަން ހެދި ފަހުން އިއްޔެ ނިޔާވެފައިވާއިރު، އޭނާގެ ދަރިފުޅުގެ ހާލު ސީރިއަސް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ސިޒޭރިއަން ހަދަން އުޅުމުގެ ތެރޭގައި ނިޔާވީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ސެކްޝަނުގައި މަސައްކަތް ކުރަމުން އައި އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ނަޒާހަތު ނިޔާވީ އަލަތު ދަރިފުޅު ވިހެއުމަށް ސިޒޭރިއަން ހެދި ފަހުންނެވެ.

މެމްބަރު ވިދާޅުވީ، ވިހެއުމަށް އައިއެމްޑީސީ އަށް އެޕޮއިންޓުމަންޓް ހަދާފައި އޮތުމުން ވިހެއުމުގެ އެއް ދުވަސް ކުރިން ނަޒާހަތު އެޑްމިޓުވި ކަމަށެވެ. އަދި މައްސަލައެއް ދިމާވެގެން ވިހަން އޮތް ދުވަހުގެ ވަގުތެއްގައި ސިޒޭރިއަން ހެދުމަށް ފަހު، ކުއްޖާގެ ހާލު ގޯސްކަމުން އެ ކުއްޖާ ފޮނުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އޭގެ ފަހުން އަންހެންމީހާ ވެސް ފޮނުވީ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ކަމަށާއި އެކަމަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް މެމްބަރު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ، ނަޒާހަތު ވިހޭ އައިއެމްޑީސީއަކީ މީގެ ކުރިން ވެސް ވިހެއުމަށް ގިނަ ބަޔަކު ދާ ތަނެއް ކަމަށެވެ. އަދި ނިޔާވި އަންހެން މީހާގެ އާއިލާ އިން ވެސް މި މައްސަލަ އިތުރަށް ގެންދަން ބޭނުން ނުވާތީ އެ މަރާ ގުޅުވައިގެން ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށް ކައުންސިލު މެމްބަރު ވިދާޅުވި އެވެ.

އެ މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް އަންނަނީ ބަލަމުންނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު "މިހާރު" އަށް މިއަދު ވިދާޅުވީ، ނިޔާވި އަންހެންމީހަގެ ދަރިފުޅުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ވިހެއިއްސުރެ ފަރުވާދެމުން އަންނަނީ ކުޑަކުދިންނަށް ހާއްސަ އެންއައިސީޔޫގައި ކަަމަށެވެ.

"އެ ކުއްޖާގެ ހާލަތު ވަރަށް ކްރިޓިކަލް،" ޔާސިރު ވިދާޅުވި އެވެ.

އައިއެމްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ އިއްޔެ ހެނދުނު ވިއްސަން ޝެޑިއުލް ކޮށްފައި ވަނިކޮށް، ފަތިހު ކުއްލިއަކަށް ހާލު ގޯސްވީ ކަމަށެވެ. ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އައި ނަޒާހަތުގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

އައިއެމްޑީސީން ބުނި ގޮތުގައި، ނަޒާހަތުގެ ހާލަތު ކުއްލިއަކަށް އިއްޔެ ރޭ ފަތިހު ގޯސްވި އިރު އެއީ ކުރިން ބަލިމީހާގެ ފަރާތުން ފެނިފައި ނެތް ހާލަތެކެވެ. އެހެންވެ އިމަޖެންސީގައި ވަގުތުން ފަރުވާދޭން ފެށި އެވެ. އެކަމަކު މާބަނޑު މީހާގެ އިމަޖެންސީ އޮޕަރޭޝަނުގައި ސަލާމަތް ކުރެވުނީ ހަމައެކަނި ދަރިފުޅު ކަމަށް އައިއެމްޑީސީން ބުންޏެވެ.

އެކަމުގައި އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ހޮސްޕިޓަލްގެ ބަޔާނުގައި ވެ އެވެ.