އޯޝަންމޭން މޯލްޑިވްސްގައި ބޭރުގެ 100 އަށް ވުރެ ފެތުންތެރިން މިހާތަނަށް ބައިވެރިވެއްޖެ
އޯޝަންމޭން މޯލްޑިވްސްގައި ބޭރުގެ 100 އަށް ވުރެ ފެތުންތެރިން މިހާތަނަށް ބައިވެރިވެއްޖެ

މުޅި ދުނިޔެ އަށް މަޝްހޫރު އޯޕަންވޯޓާ ސްވިމިން ފްރެންޗައިސް 'އޯޝަންމޭން ގްލޯބަލް' ގެ ރާއްޖޭގެ އިވެންޓް ކަމަށްވާ 'އޯޝަންމޭން މޯލްޑިވްސް' ގައި 19 ގައުމަކުން 142 ފެތުންތެރިން ބައިވެރިވެއްޖެ އެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އޯޕަންވޯޓާ ފްރެންޗައިސްގެ ރާއްޖޭގެ އިވެންޓް އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހު ކ. މާފުށީގަ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަނޑުފެތުމުގެ މި މުބާރާތް އިންތިޒާމްކުރަނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސްވިމް މޯލްޑިވްސް އިންނެވެ.

އޯޝަންމޭން މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު އޮކްޓޫބަރު މަހު ހުޅުވާލުމުން މިހާތަނަށް ރަޖިސްޓްރީކުރި 142 ފެތުންތެރިންގެ ތެރެއިން 108 ފެތުންތެރިންނަކީ ބޭރު ގައުމުތަކުން ބައިވެރިވި މީހުންނެވެ. ރާއްޖޭން 34 ފެތުންތެރިން ބައިވެރިވިއިރު ދެން އެންމެ ގިނައީ ރަޝިއާ އިންނެވެ. އެ ގައުމުން 27 ރަޖިސްޓްރޭޝަން ވަނީ ލިބިފަ އެވެ. މީގެ އިތުރުން މެލޭޝިއާ އިން 20، ތައިލެންޑުން 17، އަދި އިންޑޮނީޝިއާ އިން 16 ވަނީ ބައިވެރިވެފަ އެވެ. ދެން ބައިވެރިވި ބައެއް ގައުމުތަކުގެ ތެރޭގައި އިޓަލީ، އިންގްލެންޑް، ކެނެޑާ، ފްރާންސް، އަދި މެކްސިކޯ ހިމެނެ އެވެ.

މުބާރާތުގައި ހުޅުވާލަނީ 501 ޖާގަ އެވެ. އެހެންކަމުން މިހާތަނަށް 28 ޕަސެންޓް ވަނީ ފުރިފަ އެވެ. ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވިފަ އެވެ.

އެންމެ ގިނައިން ރަޖިސްޓްރީވެފައިވަނީ ހާފް އޯޝަމްމޭން (ފަސް ކިލޯމީޓަރު) އަދި ސްޕްރިންޓް (ދެ ކިލޯމީޓަރު) ރޭހުގަ އެވެ. އެ ދެ ރޭހުގައި 52 ފެތުންތެރިން ވަނީ ބައިވެރިވެފަ އެވެ. އަދި އޯޝަންމޭން 1 (10 ކިލޯމީޓަރު) ގައި 23 މީހުން ބައިވެރިވި އެވެ.

ސްވިމް މޯލްޑިވްސް އިން ބުނީ އޯޝަންމޭން ގްލޯބަލްގެ ފްރެންޗައިސް ރައިޓްސްއާ އެކު ބާއްވާ މި މުބާރާތުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ބައިނަލްއަގްވާމީ ސްޓެންޑަޑަށް ކަމަށެވެ. އަދި އިންތިޒާމުތަކާއި، ފޯމެޓް ވެސް އޮންނާނީ ބައިނަލްއަގްވާމީ މިންގަނޑުގައި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މި އިވެންޓުގެ ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 10 ފެތުންތެރިންނަށް އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އެއީ ހަމައެކަނި ކޮލިފައިވެގެން ބައިވެރިވެވޭ ގޮތަށް އަހަރަކު އެއް ފަހަރު ބާއްވާ މުބާރާތެކެވެ. އަދި މުޅި ރޭހުގެ އެންމެ މޮޅު ތިން ފެތުންތެރިންނާއި، ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ތިން ފެތުންތެރިންނަށް މެޑެއްޔާއި، ޓްރޮފީ ވެސް ދޭނެ އެވެ. ލިބޭނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ ކުންފުނި ކަމަށްވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އެންޑޯޒްކޮށްފައިވާ މި މުބާރާތް ކުރިއަށްގެންދާނީ ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑިންއާ އެކު އެވެ.

މީގެ 10 އަހަރު ކުރިން ތައާރަފުކުރި އޯޝަންމޭން ގްލޯބަލް އަކީ ދުނިޔޭގައި ފްރެންޗައިސް އުސޫލުން ކުރިއަށްގެންދާ ފުރަތަމަ އޯޕަންވޯޓާ ފެތުމުގެ މުބާރާތެވެ. މީގެ ފްރެންޗައިސް އިވެންޓްތައް ކޮންމެ އަހަރަކު ތަފާތު 26 ގައުމެއްގައި ބާއްވަ އެވެ. އެގޮތުން ބާއްވާ 38 ރޭހުގެ ތެރެއިން ކޮންމެ ރޭހެއްގައި 1500-2000 އަދަދަށް ފެތުންތެރިން ބައިވެރިވި އެވެ.

މުބާރާތް ރާއްޖޭގައި އިންތިޒާމުކުރާ ސްވިމް މޯލްޑިވްސް އަކީ ރާއްޖޭގައި ފެތުން ޕްރޮމޯޓްކުރަން މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އެގޮތުން ވާދަވެރި ފެތުންތެރިންނާއި، ރިކްރިއޭޝަނަލް ފެތުންތެރިންނަށް ހާއްސަކޮށްގެން އެ ޖަމިއްޔާ އިން ހަރަކާތްތައް ބާއްވަ އެވެ.