25 ނޮވެމްބަރ 2025 - 13:24

އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އިތިއޯޕިއާގެ ބޮޑު އަލިފާން ފަރުބަދައެއް ގޮވައި އެރި ބޯ ދުމުގެ އަސަރު އިންޑިއާއަށް ކުރުމުން ގިނަ ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހިއްޖެ އެވެ.
ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އިތިއޯޕިއާގެ އިރުމަތީގައި އޮންނަ އަފާރު ސަރަހައްދުގެ ހެއިލީ ގުއްބީ އަލިފާން ފަރުބަދަ 12،000 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގޮވައި ފެތުރުނު ބޯ ދުމުގެ އަސަރު އެތައް ހާސް ކިލޯމީޓަރު ދުރަށް ކޮށްފައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ގޮވި އެ އަލިފާން ފަރުބަދައިން އެރި ދުމުގެ އަސަރު އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތަކަށް ކޮށްފައިވާއިރު، ދެކުނު އޭޝިއާގެ ގައުމުތަކަށް ވެސް އެ ދުމުގެ އަސަރުކުރާނެ ކަމަށް މިހާރު ލަފާކޮށްފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން މިއަދު ރިޕޯޓްކުރި ގޮތުގައި، އިތިއޯޕިއާގައި ގޮވި ފަރުބަދައިން އެރި ދުމުގެ އަސަރު އުތުރުގެ އިންޑިއާގެ ހިސާބުތަކަށް މިހާރު ވަނީ ކުރަން ފަށައިފަ އެވެ.
ދުމުގެ ސަބަބުން އިންޑިއާގެ ދެ އެއާލައިނެއް ކަމަށްވާ އެއާ އިންޑިއާ އާއި އަކާސާ އެއާގެ ބައެއް އިންޓަނޭޝަނަލް ފްލައިޓްތައް ވެސް މިއަދު ކެންސަލް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އިއްޔެ އިން ފެށިގެން އެއާ އިންޑިއާގެ 13 ފްލައިޓެއް ކެންސަލްކޮށްފައި ވާއިރު، އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރު ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ ދުމުގެ އަސަރުކޮށްފައިވާ ރޫޓުތަކުން ދަތުރު ނުކުރުމަށް އިރުޝާދު ދީފަ އެވެ.
އަކާސާ އެއާ އިން ވަނީ ސައުދި އަރަބިއްޔާގެ ޖިއްދާ އާއި ޔޫއޭއީގެ އަބޫ ދާބީ އަދި ކުވެއިތައް ކުރާ ދަތުރުތައް މިއަދު ކެންސަލް ކޮށްފަ އެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ އެ ދުންގަނޑުގެ މިސްރާބު މިހާރު ހުރީ އިންޑިއާގެ އިރުމައްޗަށް ކަމަށާއި މިއަދު އިރުއޮއްސޭ ފަހުން އިންޑިއާ ހުރަސްކޮށް، ޗައިނާގެ ހުޅަނގުގެ ސަރަހައްދަށް އެ ދުންގަނޑު ފެތުރޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފޯކާސްޓް މޮޑެލްތަކުން ދައްކާ ގޮތުގައި، އެ ދުމުގެ އަސަރު އިންޑިއާގެ ގުޖުރާތާއި ދިއްލީ އާއި ރާޖަސްތާނާއި ޕަންޖާބު އަދި ހަރްޔާނާއަށް ކުރާނެ އެވެ. އުތުރު އިންޑިއާގެ ޖައްވު މި ދުވަސްވަރު ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާއިރު، މި ކާރިސާގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ.
އިތިއޯޕިއާގެ އަލިފާން ފަރުބަދަ ގޮވައި އެރި ދުމުގެ އަސަރު ޔަމަނާއި އޮމާން އަދި ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.