25 ނޮވެމްބަރ 2025 - 20:17

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ބައިވެރިވެޑައިގެންފި އެވެ.

"ގަދަކޮށް" ގެ ނަމުގައި އާޒިމްގެ ކެމްޕެއިން ހަރަކާތް ފެށީ މިމަހުގެ 20 ގައި އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ތިން ދައުރު ފުރުއްވި އާޒިމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތުގައި ފައްޔާޒު ބައިވެރިވެވަޑައިގެންނެވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާ އަރިސް ބޭފުޅުން ވެސް ގެންދަވަނީ އޭނާއަށް ކެމްޕެއިން ކުރައްވަމުންނެވެ.
އޭނާގެ ކެމްޕެއިން ޓީމުން މިއަދު ހަވީރު ސައެއް ވެސް ބާއްވާފައިވާއިރު އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އަލީ އާޒިމަކީ އެމްޑީޕީގެ މޭޔަރެއް ހުރިކަމުގެ އިހްސާސް އެމްޑީޕީގެ މެމްބަރުންނަށް ގެނެސްދޭނެ ފަދަ ކެންޑިޑޭޓެއް ކަމަށެވެ.
ކެމްޕެއިން ފަށަން ބޭއްވި ހަރަކާތުގައި އާޒިމް ވިދާޅުވީ އެ ޕާޓީއަކީ ވަކި އަސާސްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޕާޓީއެއް ކަމަށާއި އަދި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭން މަސައްކަތް ކުރި ޕާޓީއަކީ އެއީ ކަމަށެވެ.
އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އާޒިމް، އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ. އެކަމަކު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ ކުރީކޮޅެވެ.
އަލީ އާޒިމްގެ އިތުރުން މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވަން ދެން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ މިހާރު ވެސް މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމް އެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް އާޒިމް ހޮވުނީ އޭރު ރައީސްކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ.