އަރަބިއްޔާގެ ބާ އިމާރާތް ތަޅާލައި ޕާކިން ޒޯނަކާއި ޕާކެއް ހަދަނީ
އަރަބިއްޔާގެ ބާ އިމާރާތް ތަޅާލައި ޕާކިން ޒޯނަކާއި ޕާކެއް ހަދަނީ

ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި އެތަނުގައި ޕާކިން ޒޯނަކާއި ޕާކެއް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަރަބިއްޔާގެ ބާ އިމާރާތް ތަޅާލައި ޕާކިން ޒޯނަކާއި ޕާކެއް ހަދަނީ
އަރަބިއްޔާގެ ބާ އިމާރާތް ތަޅާލައި ޕާކިން ޒޯނަކާއި ޕާކެއް ހަދަނީ

އެ އިމާރާތަކީ ދަރިވަރުން ކިޔަވަން ތިބެން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ސްކޫލުގެ ކިޔެވުން ބަދަލުކުރީ ޖެނުއަރީ، 2023ގަ އެވެ. މީގެ 10 އަހަރު ކުރިން 2013 ގައި ބޭނުންކުރަން ފެށި އެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ވަނީ ރެނދުލައިފަ އެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސްކޫލު ތަޅާލައި އެ ތަނުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެތަނުގައި ޕާކެއް ހެދުމުން، ކައިރި ސްކޫލުތަކުގައި އުޅޭ ކުދިންނަށް ވެސް އެތަން ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕާކު ތަރައްގީކުރާނީ ދަރިވަރުން ބަލާ ސްކޫލު ދޮށަށްދާ ބެލެނިވެރިންނަށް ވެސް އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 11،000 އަކަފޫޓުގެ އެ ބިމުގައި ޕާކަކާއި ޕާކިން ޒޯނެއް ތަރައްގީކުރަން ނިންމާފައިވާއިރު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އަމާޒު ހިފާފައި ވަނީ ބާރު ސްޕީޑުގައި މަޝްރޫއު ކުރިއަށް ގެންގޮސް، އެ މަސައްކަތް އަންނަ ރޯދަ މަހަށް ނިންމައި ހުޅުވުމަށެވެ.

އަރަބިއްޔާ ސްކޫލު ހިންގަމުން އައި ހަތް ބުރީގެ އެ އިމާރާތް ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތަކެއް ލުމުން، ދަރިވަރުން ބަދަލުކުރުމަށް ފަހު، އެ އިމާރާތުގެ އެއްބައި ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ.

އެކަމަކު އެތަން ތަޅާލުމަށް ނިންމާފައިވާތީ މުދާތައް ނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަންގައިފަ އެވެ.