26 ނޮވެމްބަރ 2025 - 12:02

މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަހާ ހެދި، އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ގޭގެ އަށް ގެއްލުން ލިބި، އުނދަގޫތައް ވާތީ އެ ގަސް ނަގަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ އަމީނިއްޔާ ސްކޫލް ހޯލުގައި ބޭއްވި ޖަލްސާގައި އެ ހިސާބުގައި ދިރިއުޅޭ އާންމުން ވަނީ ސަހަރާގައި ހުންނަ އެ ނިކަގަހުގެ މުލުން ގޭގެއަށް ގެއްލުން ލިބޭތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
ޖަލްސާގައި ވާހަކަދެއްކި އާންމުންގެ މީހަކު ބުނީ އެ ނިކަގަހުން ދުވާ މުލުގެ ސަބަބުން އޭނާގެ ގޭގެ ފާހާނަ ކޮންމެ ތިން މަހަކު މަރާމާތުކުރަން ޖެހޭ ކަމަށެވެ. އަދި ފާހާނާގެ ހޮޅިތަކަށް ކޮންމެ ފަހަރަކު ގެއްލުން ލިބި، މިހާރު އާ ހޮޅި އަޅަން ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެހެންވެ، އެ މައްސަލަ ހައްލެއް ހޯދައިދޭން އޭނާ ރައީސްގެ އަރިހުގައި އެދުނެވެ.
އެ މައްސަލައާ ގުޅިގެން ރޭ ޖަލްސާގައި ރައީސް ވިދާޅުވީ ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް މިހާ އިސްކަންދިން ސަރުކާރެއް މި ނޫނީ ނެތް ކަމަށެވެ. އޭގެ އެއް ހެއްކަކީ އެމަނިކުފާނުގެ ވައުދެއް ކަމަށްވާ "ފަސް މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމް ކަމަށާއި އެއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ދަށުން މުޅި ރާއްޖޭގައި މިހާތަނަށް 800،000 ގަސް އިންދާފައިވާ ކަމަށާއި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ޓާގެޓް ހާސިލްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ އެންމެ މުހިންމު އެއް ކަމަކީ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް [ދެމެހެއްޓެނިވި ތަރައްގީ] ވީމާ، މި ރާއްޖޭގައި ފެހިކަން އެއީ މުހިންމު ކަމެއް. އެހެންވީމަ، އަޅުގަނޑުމެންނަކީ ފެހިކަމަށް ލޯބިކުރާ ގަސްތަކަށް ލޯބިކުރާ ބައެއް،" ރައީސް ވިދާޅުވި އެވެ.
"ގަސް ކެނޑުމާއި މި ކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެކަމަކު ތަނެއްގެ ޒަރޫރީ ބޭނުމަކަށް، އިންސާނެއްގެ ދިރިއުޅުމަށް އުނދަގޫވާ ކަމަށް ވަންޏާ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން، ގާނޫނީ ގޮތުން އިޖުރާއަތްތައް ފުރިހަމަ ކުރެވިގެން އެ އޮންނަ ގޮތަކަށް ގަހެއް އެތަނުން ނެގުމަކީ ގަސް އިންދުމާ ދެކޮޅު ހެދުމެއް ނޫން."
ރައީސް ވިދާޅުވީ އާންމުންނަށް އުނދަގޫވާތީ ވިލިމާލޭގައި ދެ ނިކަގަސް ނަގާއިރު، އޭގެ ބަދަލުގައި އެ އަވަށުގެ އެކި ތަންތަނުގައި 300 ގަސް އިންދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.
"މިހާރު އެ ބޭފުޅުން އެ ޕްރޮގްރާމް އެ ފަށަނީ. ދެ ގަހުގެ ބަދަލުގައި 300 ގަސް. އެހެންވީމަ، އަޅުގަނޑުމެންނަކީ ފެހިކުރުމަށް ލޯބިކުރާ ބައެއް،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންގެ އާންމު ދިރިއުޅުމަށް، އިންސާނީ ދިރިއުޅުމަށް އުނދަގޫ ވަންޏާ، އެ ކުރަން ޖެހޭ ކަމެއް ކުރުމަކީ ޒަރޫރީ ކަމެއް. އެހެންވީމަ، އެކަން ކުރެވިގެން ދިއުމަކީ އަޅުގަނޑު ހިތުން ޖާއިޒު ކަމެއް."
ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ކަނޑަން ސަރުކާރުން ނިންމީ އެ ރަށުގެ ރައްޔިތުންނާ އެކު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރައީސް ބޭއްވެވި ބައްދަލުވުމުގައި ނެގި ވޯޓުންނެވެ. ވިލިމާލެ ޕޮލިސް ސްޓޭޝަނާ ޖެހިގެން އޮންނަ ހުސްބިމުގައި ހުންނަ ދެ ނިކަގަސް ނަގަން އެ އަވަށުގެ ރައްޔިތުން އެދުނީ އެ ގަހުގެ މުލުގެ އުނދަގޫ އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ގޭގެއަށް ކުރާތީ ކަމަށް ބުނެ އެވެ.