ތިނަދޫ ގެއެއްގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދިވެއްސަކާއި ތައިލެންޑުގެ މީހަކު އަތުލައިގެންފި
ތިނަދޫ ގެއެއްގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދިވެއްސަކާއި ތައިލެންޑުގެ މީހަކު އަތުލައިގެންފި

ގދ. ތިނަދޫގެ ގެއެއްގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދިވެހި ފިރިހެނަކާއި ތައިލެންޑުގެ އަންހެނަކު ރޭ އަތުލައިގެންފި އެވެ.

ފުލުހުން މިރޭ ބުނީ އެ ރަށުގެ ގެއެއްގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 11:30 ހާއިރު ހިންގި އޮޕަރޭޝަނުގައި އެ ގެ ބަލައި ފާސްކުރި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފިރިހެންމީހާގެ އުމުރަކީ 52 އެވެ. ތައިލެންޑުގެ އަންހެންމީހާގެ އުމުރަކީ 39 ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުން އަތުލައިގަތީ ބަދުއަޚުލާގީ އަމަލު ހިންގަން ތިއްބާ ކުށުގެ ވެށިންނެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފިރިހެންމީހާ ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް ތަހުގީގުގެ ބޭނުމަށް އަންހެންމީހާ ހަތަރު ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ.

މާލެ އާއި ރާއްޖޭގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ. އަދި އެކަން ކުރާ ބިދޭސީ މީހުން ދަނީ އެ މީހުންގެ ފޮޓޯ އާއި ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.

އެ ގޮތަށް ހިންގާ ސްޕާތައް ހުއްޓުވަން މި ފަހުން އިމިގްރޭޝަނުން ވަނީ އޮޕަރޭޝަންތަކެއް ވެސް ހިންގައިފަ އެވެ. އަދި އެފަދަ ތަންތަނުން ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ވެސް އަތުލައިގަނެ ބިދޭސީން ޑީޕޯޓުކޮށްފައި ވެސް ވެ އެވެ.