އިބޫ އާއި ޝާހިދުގެ ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ ވަހީދު ފަހަތަށް ޖެހިވަޑައިގެންފި
އިބޫ އާއި ޝާހިދުގެ ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ ވަހީދު ފަހަތަށް ޖެހިވަޑައިގެންފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމު ކާމިޔާބުވި ނަމަވެސް އެ ޕާޓީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ، އެ ވޯޓުގައި ވާދަކުރެއްވި ކުރުން އަނބުރާ ގެންނަން ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ނިންމަވައިފި އެވެ.

އޭނާ އެހެން ނިންމެވިކަން އިއުލާން ކުރެއްވީ، އެމްޑީޕީގެ ރައީސް ޝާހިދަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.

އެންމެ ބޮޑު އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމު ފުރުއްވި ފައްޔާޒު އިސްމާއިލް މި މަހުގެ 23 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނެ ބޭފުޅަކާ މެދު ގޮތެއް ނިންމަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ވަހީދުގެ ނަން ހުށަހަޅައި ވޯޓަށް އެހި ނަމަވެސް ވަކި ހިސާބަކުން ނިޒާމު ގެއްލި ޖަލްސާ ނިންމާލީ އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ވަހީދު އައްޔަން ކުރަން ފެންނަ ކަމަށް 47 ވޯޓު ލިބުނަސް ފާސްވާން އެއް ވޯޓު ބޭނުންވާ ކަމަށް ބުނެ ދެ ފެކްޝަންގެ އަރައިރުމުގެ ތެރޭގައި ނިޒާމު ގެއްލުމުން އެ ރޭގެ ގައުމީ މަޖިލިހުގެ ބައްދަލުވުން ހުއްޓާލީ އެވެ.

އެ ހުރިހާ ކަމެއް ފާހަގަކުރައްވައި، ޕާޓީގެ ރައީސް ޝާހިދަށް ފޮނުއްވި ސިޓީގައި ވަހީދު ވިދާޅުވީ، ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން އޭނާ އަށް ހުށަހެޅުއްވީ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމަށާއި ޕާޓީގެ އެޑްވައިޒަރު އިބޫ އާއި ރައީސް ޝާހިދަށް މެސެޖު ކުރައްވައި އެ ބޭފުޅުންގެ ހިޔާލު ވެސް ހޯއްދެވި ކަމަށެވެ.

"އެ ގޮތުން އެ ދެ ބޭފުޅުން ވެސް އަޅުގަނޑަށް ޖަވާބު ދެއްވީ، އެ ކަމުގައި ކުރިއަށް ދިއުމަށާއި އެ ކަމަށް އެ ދެބޭފުޅުން ވެސް ތާއީދު ކުރައްވާ ކަމަށެވެ،" ވަހީދުގެ ސިޓީގައި ވިދާޅުވި އެވެ.

ނަމަވެސް އެ ވޯޓާ ހަމައަށް ދިޔަ ވަގުތު އިބޫ އާއި ޝާހިދު އަމަލު ކުރެއްވި ގޮތާއި އަދި އޭގެ ފަހުން ކަންކަން ކުރައްވަމުން ގެންދަވާފައިވާ ގޮތުން ވަގުތީ ޗެއާޕާސަންގެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރުވާނެ ކަމަށް މިހާރު ޝައްކު ނުކުރައްވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވަގުތީ ޗެއާާޕާސަންގެ މަގާމު އޭނާ ކާމިޔާބު ކުރައްވާފައިވީ ނަމަވެސް އެ ސަބަބުތައް އެހެން އޮތުމުން އެ ވޯޓުގައި ވާދަކުރި ކުރުން އަނބުރާ ގެންނަން ނިންމެވީ ކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ އެމްޑީޕީގެ އެއްބައިވަންތަކަން ގާއިމް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

"ޕާޓީގެ ރައީސް އާއި އެޑްވައިޒަރުގެ އަރިހުން އަޅުގަނޑު އެދެނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން މި މޭރުމުން ތަކުރާރު ނުވާނޭހެން ކަންކަމުގައި އެބޭފުޅުން އަމަލު ކޮށްދެއްވުމަށެވެ. އަދި މި ޕާޓީގެ ޔުނިޓީ ހިފެހެއްޓުމަށް އެބޭފުޅުން ވެސް މަސައްކަތް ކޮށްދެއްވުމަށެވެ،" ވަހީދުގެ ސިޓީގައި ވެ އެވެ.