ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި ޑްރަގު އުފުލިކަން ސާބިތުވެ އުމުރަށް ޖަލަށް
ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި ޑްރަގު އުފުލިކަން ސާބިތުވެ އުމުރަށް ޖަލަށް

މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު މުދާ އަދި މީހުން އުފުލާ ބޯޓެއްގައި ފަޅުވެރިއެއްގެ ގޮތަށް މަސައްކަތް ކުރަމުން މަސްތުވާތަކެތި ޓްރެފިކް ކުރިކަން ސާބިތުވެ، އުމުރަށް ޖަލަށްލުމަށް މީހެއްގެ މައްޗަށް އިއްޔެ ހުކުމްކޮށްފި އެވެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ނޯތު ހާބަރުން އޭނާ ހުއްޓުވައި ބަލާފާސްކުރުމުގެ ތެރެއިން 50 ގްރާމްގެ ޑައިމޯފިން ހުރި ކަރުދާސް ކޮތަޅެއް ފެނިފައިވާތީ އެވެ.

އެ މީހާގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަށް ކޯޓުގައި އިންކާރުކުރި އެވެ. އެއާ އެކު، އެ ދައުވާ ސާބިތު ކުރަން ދައުލަތުން ހެކި ހުށަހެޅި އެވެ. އެކަމަކު، ދިފާއުގައި އޭނާ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހާ ބުނެފައިވަނީ ޖީބުން ނެގި ކޮތަޅުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެފަދަ އެއްޗެއް ހުރިކަން އެނގޭ ނަމަ އޭގައި ނުހިފާނެ ކަމަށެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓުން ކޯޓުން މި މައްސަލައިގައި އިއްވި ހުކުމްގައި ބުނީ، މަސްތުވާތަކެތި ފެނުނު ކޮތަޅަކީ ޓޭޕް އަޅައި އެތެރެ ނުފެންނަ ފަދައަކުން ބަންދު ކޮށްފައި އޮތް ޕެކޭޖެއް ނުވަތަ އެފަދަ ގޮތަކަށް ބަންދު ކޮށްފައި އެއްޗެއް ނޫން ކަމަށާއި އެއ، އެއްވެސް ގޮތަކަށް ބަންދުކޮށްފައި ނުވާ ކަރުދާސް ކޮތަޅެއް ކަމަށެވެ.

ބޯޓުން ކުޅުދުއްފުއްޓަށް ގެނައުމަށް މީހަކު ދޭ އެއްޗަކާ ހަވާލުވާ ނަމަ އެންމެ ކުޑަމިނުން އެއީ ކާކާ ހަވާލުކުރާ އެއްޗެއްތޯ އާއި އެ ތަކެއްޗާ ހަވާލުވާން މީހަކު ދާނެތޯ ފަދަ ސުވާލު އެ އެއްޗެއް ހަވާލުކުރަން ދާ މީހެއްގެ ކައިރީ އަހާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ހުކުމްގައި ވެ އެވެ. އެ ކޮތަޅު އެ މީހާއާ ހަވާލުކުރީ ގޮތް ނޭނގޭ މީހެއް ކަމަށް ބުންޏަސް އެއީ ކާކު ކަމެއް ދައުވާ ލިބޭ މީހާ އަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމްގައި ބުންޏެވެ.

"މި މައްސަލައިގައި ހުށަހަޅާފައިވާ ފޮޓޯތަކަށް ބަލާއިރު އެ ކޮތަޅުގައި އެއްވެސް މީހެއްގެ ނަމެއް ނުވަތަ ގުޅޭނެ ފޯނު ނަންބަރެއް ފަދަ އެއްޗެއް ލިޔެފައިވާކަން ފާހަގައެއް ނުކުރެވެ އެވެ. މި ދެންނެވި ކަންކަން އެހެން
ހުރުމުން، މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅު ޖީންސުގެ ޖީބުގައި އޮތީ އޭނާގެ އެނގުމުގެ ތެރެއިން ކަން އެނގެން އޮވެ އެވެ،" ހުކުމްގައި ބުންޏެވެ.

ހުކުމްގައިވާ ގޮތުން މަސްތުވާތަކެތި ފެނިފައިވަނީ ދައުވާ ލިބޭ މީހާ ލައިގެން ހުރި ޖީންސުގެ ވާތްފަރާތު ކުރިމަތީ ޖީބުގައި އޮތް ކޮތަޅެއްގެ ތެރެއިންކަން ސާބިތުވެ އެވެ. އެ ތަކެތި ހުރީ އޭނާގެ ހިޔާޒަތުގައި ކަމާ މެދު ސުވާލެއް ނުއުފެދޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.

އެހެންވެ، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުޅުދުއްފުށީގެ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް ވަނީ ދައުވާ ލިބޭ މީހާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް (25 އަހަރު) އިއްވައި 100،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. ޖޫރިމަނާގެ ފައިސާ 12 މަސް ތެރޭ ދައްކަން ވެސް އަމުރު ކުރެއްވި އެވެ.