އަގުހުރި އިނާމުތަކާ އެކު އެކްސެލް އިންޓަނޭޝަލް އިން ވާހަކަ ލިޔުމުގެ މުބާރާތެއް
އަގުހުރި އިނާމުތަކާ އެކު އެކްސެލް އިންޓަނޭޝަލް އިން ވާހަކަ ލިޔުމުގެ މުބާރާތެއް

އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ކުޑަކުދިންނަށް ހާއްސަ އިބްރަތްތެރި ދިވެހި ވާހަކަ ފޮތް ލިޔުމުގެ މުބާރާތެއް ހުޅުވާލައިފި އެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ބުނީ އެ މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.

މިއީ ކުޑަކުދިން ކިޔާހިތްވާ ފަދަ ފޮތްތަކެއް ދިވެހި ބަހުން އުފެއްދުމާއި މުޖުތަމައުގެ އަދަބީ އަދި އަހުލާގީ މިންގަނޑުތައް ހިފަހައްޓާ ރީތި ދިވެހި ބަހުން ލިޔެފައިވާ އިބްރަތްތެރި ވާހަކަތަކެއް ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ވާހަކަ ލިޔުންތެރިންނަށް ވާހަކަ ލިއުމުގެ އިތުރު ފުރުސަތެއް ފަހިކޮށްދިނުމަށް ބާއްވާ މުބާރާތެއް ކަމަށް އެ ސްކޫލުން ބުންޏެވެ.

މި މުބާރާތް ބަހާލާފައި ވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ހަތަރު އަހަރާއި ހަ އަހަރާއި އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ހާއްސަ ވާހަކަ ފޮތް ލިއުމާއި ހަތަރު އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ވާހަކަ ފޮތް ލިއުމުގެ ކެޓަގަރީ އެވެ.

މިއީ އަގުހުރި ފައިސާގެ އިނާމުތަކެއް ހުށަހަޅާފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ހަތަރު އަހަރާއި ހަ އަހަރާއި އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ހާއްސަ ވާހަކަ ފޮތް ލިއުމުގެ ކެޓަގަރީގެ އެއް ވަނައަށް ހުށަހަޅާފައި ވަނީ 9،000ރ. އެވެ. އަދި ދެ ވަނަ އަށް 7،000ރ. ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 5000ރ. އެވެ. އެ މުބާރާތުގެ ހަތަރު އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ވާހަކަ ފޮތް ލިއުމުގެ ކެޓަގަރީގެ އެއް ވަނަ އަށް 8،000ރ. އަދި ދެ ވަނަ އަށް ހުށަހަޅާފައި ވަނީ 6،000ރ. އެވެ. އަދި ތިން ވަނަ އަށް ވަނީ 4،000ރ. އެވެ.

މި މުބާރާތުގެ ދެ ގޮފިން ވެސް މުބާރާތުގެ އެންމެ މޮޅު ވާހަކަތައް ފޮތެއްގެ ގޮތުގައި ޗާޕުކޮށް، އެ ފޮތް އޯޑިއޯ-ވީޑީއޯކޮށް އާއްމުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ އުމުރުން 18 މަހާއި 6 އަހަރާ ދެމެދުގެ ދަރިވަރުންނަށް ކިޔަވައިދޭ ސްކޫލެކެވެ. މާވެޔޮ މަގުގައި ހުންނަ މިސްކޫލުގެ ކެމްޕަހުގައި 24 ކްލާސްރޫމާއި ހޯލެއް ހިމެނެ އެވެ. ފެންވަރު ރަނގަޅު ތައުލީމެއް ޅަފަތުގައި ކުދިންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މި ސްކޫލަކީ އެމެރިކާގެ އިންޓަނޭޝަނަލް ކަރިކިއުލަމަކަށް ކިޔަވައިދޭ ސްކޫލެކެވެ. އަދި އެ ސްކޫލްގައި ގުރުއާން، އިސްލާމް، އަރަބި އަދި ދިވެހި ބަސް ވެސް ކިޔަވައިދެ އެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލްގައި ދަރިވަރުންނަށް ހާއްސަކޮށް ހިންގާ އެކި ހަރަކާތްތަކުގެ ތެރޭގައި ރިވެތި އަހުލާގު ދަސްކޮށްދިނުމުގެ ޕްރޮގްރާމާއި ދަރިވަރުންގެ ދިރިއުޅުމުގެ ހުނަރުތައް ތަރައްގީކުރުމުގެ ޕްރޮގްރާމާއި ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނާއި އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ ޕްރޮގްރާމް ހިމެނެ އެވެ. އެ ސްކޫލުން، ދަރިވަރުންގެ އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރު އިތުރުކުރުމަށް ރައިސިންގް ސްޓާސް ޓެލެންޓް ޝޯގެ ނަމުގައި ވެސް ހާއްސަ ހަރަކާތެއް ބާއްވަ އެވެ. މިއަހަރު ބާއްވާ މި ޓެލެންޓް ޝޯ، މިހަފްތާގައި އޮލިމްޕަހުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލުން އަންނަ އަހަރުގެ ރަޖިސްޓްރޭޝަނަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ސްކޫލުގެ ރަޖިސްޓްރޭޝަން ފީ އަކީ 490ރ. އެވެ. އެ ސްކޫލަށް ފީގެ ގޮތުގައި ޕްލޭސްކޫލަށް ދައްކަން ޖެހެނީ 1،290ރ. އެވެ. އަދި ބޭބީ ނާސަރީ އަށް 1،690ރ. ދައްކަން ޖެހޭ އިރު، ނާސަރީ އަށް ދައްކަން ޖެހެނީ 1790ރ.، ޖޭކޭޖީ/އެލްކޭޖީ އަށް 1،890ރ. އަދި އެސްކޭޖީ/ޔޫކޭޖީ އަށް ދައްކަން ޖެހެނީ 1،990ރ. އެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ބާއްވާ ވާހަކަ ލިއުމުގެ މުބާރާތާއި އެޑްމިޝަންއާ ގުޅޭ އިތުރު މައުލޫމާތު އެ ސްކޫލުގެ ފޭސްބުކް ޕޭޖާއި އެ ސްކޫލްގެ ނަމްބަރު 9948848 އިން ލިބޭނެ އެވެ.