01 ޑިސެމްބަރ 2025 - 12:51

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާ 1-1 އިން ރެއާލް މެޑްރިޑް އެއްވަރުވެ، އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުމުން އެ ޓީމުގެ ކޯޗު ޒަބީ އޮލޮންސޯ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު އެއްވަރުވެ ރެއާލް މިހާރު އޮތީ 33 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި 34 ޕޮއިންޓާ އެކު އޮތީ ވާދަވެރި ބާސެލޯނާ އެވެ.
ޖިރޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ އެ ޓީމުންނެވެ. ރެއާލަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފުގައި ޕެނަލްޓީއަކުން ކީލިއަން އެމްބާޕޭ އެވެ.
މި ސީޒަނުގައި ރެއާލާ ހަވާލުވި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އޮލޮންސޯގެ ކޯޗުކަމުގައި ސީޒަނުގެ ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެކަމަކު ފަހަކަށް އައިސް ނަތީޖާތައް ދަށްވާން ފެށީ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ބައެއް ކުޅުންތެރިން، ކޯޗާ މެދު ހިތްހަމަނުޖެހުމެވެ. އެގޮތުން ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީގެ ދައުރުގައި ކުޅުންތެރިންނަށް އޮންނަ މިނިވަންކަން މިހާރު ނެތުމާއި، އޮލޮންސޯގެ ތަމްރީނުތައް ބުރަވުމަކީ ކުޅުންތެރިން ހިތްހަމަނުޖެހޭ ސަބަބެކެވެ. ހާއްސަކޮށް ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާގެ ހިތްހަމަނުޖެހުން ކޯޗާ ބޮޑުވެ މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަލޮންސޯ ވަނީ ދާދި ފަހުން އެ ވާހަކަތައް ދޮގުކޮށް ޓީމުގައި އެކުވެރިކަން އޮތް ކަމަށް ބުނެފަ އެވެ.
މިހާތަނަށް ވެސް އަލޮންސޯ އަށް ކްލަބުގެ ވެރިންނާއި، ސަޕޯޓަރުންގެ އިތުބާރު އޮތެވެ. އެކަމަކު ރޭގެ މެޗުގައި ބައެއް ސަޕޯޓަރުން ވަނީ އަންޗެލޮޓީ އަނބުރާ ގެންނަން ގޮވާލައިފަ އެވެ. އަދި ކްލަބުގެ އިސްވެރިން ވެސް ތިބީ ނަތީޖާ ރަނގަޅުނުވާ ނަމަ އަލޮންސޯ ވަކިކުރަން ތައްޔާރާށް ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ. އެ ހާލަތުގައި ޓީމު ހަވާލުކުރާނެ ކަމަށް ބެލެވެނީ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީ ބޮޑެތި ކާމިޔާބީތައް ހޯދައިދީފައިވާ ޒައިނުއްދީން ޒިދާންއާ އެވެ.
އަލޮންސޯ ވަނީ މީގެ ކުރިން ޖަރުމަނުގެ ބެޔާ ލެވަކޫސަންއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.