01 ޑިސެމްބަރ 2025 - 13:55

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ އަހަރުގެ މާޗު މަހުގެ 28 ގައި ބާއްވާ އެ އިންތިހާބުގައި ޕީއެންސީ މެދުވެރިކޮށް ސިޓީއެއްގެ މޭޔަރު ކަމަށާއި ކައުންސިލު މެމްބަރުކަމާއި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް އަދި ރަށު ކައުންސިލުގެ ރައީސް ކަމާއި މެމްބަރުކަމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.
ޕީއެންސީން ވަނީ އެކަމަށް އެދި ކުރިމަތިލުމަށް ހަދާފައިވާ ކެންޑިޑޭޓުންގެ ޕޯޓަލްގެ ކިއުއާރު ކޯޑު އާންމުކޮށް، އެ އަށް ލޮގިންކޮށްގެން އެޕްލިކޭޝަނަށް ހުޅުވާލައިފަ އެވެ. އަދި ޕާޓީގެ ވެބްސައިޓުން ވެސް އެޕްލިކޭޝަން ފޯމު ލިބޭނެ އެވެ.
އެ ޕާޓީން ބުނި ގޮތުގައި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް އޮންނާނެ އެވެ.
ޕީއެންސީން ބުނީ، އެ އިންތިހާާބާ ގުޅިގެން އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އެ ކަަމަށް އެދި ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ތެރެއިން އެ އިންތިހާބީ ދާއިރާއަކަށް އިންތިހާބު ކުރުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ބަޔަކު ކުރިމަތިލާފައިވާ ނަމަ ކަމަށެވެ.
ޕީއެންސީން ބުނި ގޮތުގައި ޕްރައިމަރީ އޮންނާނީ ޑިސެމްބަރު 27 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ޕްރައިމަރީގައި ވޯޓުލެވޭނީ އީސީގެ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނާއި މި ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރަކަށް ވުމަށް އެދި ފޯމު ހުށަހަޅާ މީހުންނަށް ކަމަށް ޕީއެންސީން ބުންޏެވެ.
އެ ޕާޓީން ބުނީ ޕްރައިމަރީ އޮންނަ ދާއިރާތަކުގައި ކޮންގްރެސް ޕާޓީގެ މެންބަރުންނަށް ވޯޓު ލެވޭނީ، އެ މެންބަރަކު ރަށްވެހިވެފައިވާ ރަށެއްގައި ވޯޓުލުމަށް ޕާޓީގެ ފަރާތުން ހަމަޖައްސާފައިވާ ވޯޓު ފޮއްޓަށް އެކަންޏެވެ.