އާދަޔާ ހިލާފަށް ބަރު މީހުންނަށް ހާއްސަ ބޭރިއަޓްރިކް ސާޖަރީކުރަން އައިޖީއެމްއެޗްގައި ފަށައިފި
އާދަޔާ ހިލާފަށް ބަރު މީހުންނަށް ހާއްސަ ބޭރިއަޓްރިކް ސާޖަރީކުރަން އައިޖީއެމްއެޗްގައި ފަށައިފި

އާދަޔާ ހިލާފަށް ބަރު މީހުންގެ ފަރުވާއަކަށް ކުރާ ބޭރިއަޓްރިކް ސާޖަރީ، އައިޖީއެމްއެޗްގައި އިއްޔެ ފަށައިފި އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާ ގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް ކުރާ މި އޮޕަރޭޝަންގެ ސަބަބުން، ބަރުދަން ބަރުވުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ދެން ބޭސްކުރަން ނުޖެހޭނެ ކަމަށެވެ.

އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި ހިތުގެ ބަލިތައް އަދި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވާން ވެސް އެ އޮޕަރޭޝަންގެ ސަބަބުން އެހީދޭނެ ކަމަށް ވިދާޅުވި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ބަލި މީހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާ އެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވުމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެން ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަލީމް ވިދާޅުވީ ބޭރިއެޓްރިކް ފަދަ މުހިއްމު ހިދުމަތެއް ފަށަން ސާޖަރީ ޑިޕާޓްމަންޓުން ތައްޔާރުވާތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އެ މަސައްކަތް ކާމިޔާބުވެފައިވަނީ ވަނީ އެތައް ބައެއްގެ މަސައްކަތާއި އެހީތެރިކަމާއެކު ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭރިއަޓްރިކް ސާޖަރީ ކުރަން ފެށީ އޭޑީކޭ ހޮސްޕިޓަލުގައި މީގެ ފަސް އަހަރު ކުރިންނެވެ. އެކަމަކު، ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުގައި ވެސް އެ ހިދުމަތް މިހާރު މި ވަނީ ފަށައިފަ އެވެ.