ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން
ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން

އެފްއޭއެމް އަންހެން ލީގުގެ ދެވަނަ މެޗުގައި ނިއު ރޭޑިއަންޓް މޮޅުވިޔަ ނުދީ އޮޑި ސްޕޯޓްސްއިން ހިފަހައްޓައިފި އެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެއްވަރުވީ 1-1 ންނެވެ.

ނިއު ރޭޑިއަންޓަކީ، އެފްއޭއެމުން މީގެ 10 އަހަރު ކުރިން ބޭއްވި އަންހެން ފުޓްބޯޅައިގެ އިލެވެން ސައިޑް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. ހަތަރު ޓީމާ އެކު 2015 ގައި ބޭއްވި އެ މުބާރާތަށް ފަހު، މިދިޔަ ދެ އަހަރު އަންހެން ފުޓްބޯޅައިގެ އިލެވެން ސައިޑް މުބާރާތެއް އެފްއޭއެމުން ބާއްވަފައެއް ނުވެ އެވެ.

އެ ފަހަރުގެ މުބާރާތް ނިއުއިން ކާމާޔާބު ކުރީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކުރުމަށް ފަހު އެވެ. އެ ފަހަރުގެ ކާމިޔާބުގައި ވެސް ނިއުގެ އެންމެ ބޮޑު ހިއްސާދާރަކީ އޭރު ވެސް އެ ކްލަބްގެ ކެޕްޓަން ފަދުވާ ޒާހިރެވެ.

މިފަހަރު ވެސް ނިއުގެ ޓީމު ލީޑް ކުރަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ފަދުވާ އެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން މެޗަށް ނުކުތް ނިއުއިން ފުރަތަމަ ފަސް މިނެޓް ތެރޭގައި ލީޑް ނެގި އެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓްގައި ނިއުގެ ލަނޑު ޖެހީ ފާތިމަތު ފައިހާ އަލީ ހަސަނެވެ. އެ ލަނޑުގައި ތައިލެންޑްގެ ފޯވާޑް ރޫތާބާލިން އިންތާބަމްރަންގެ (ރޫތާ) ގެ ހިއްސާ ބޮޑެވެ.

ރޫތާ އޭރިއާ ތެރެއަށް ބޯޅަ ހުރަސްކޮށް ދިނީ އޮޑީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އެވެ. ހުރަސްކޮށްދިން ބޯޅަ ފައިހާ ގޯލަށް ވައްދާލީ ފަސޭހަ ކަމާ އެކު އެވެ.

ލީޑްގައި ނިއު އަށް ހިފަހައްޓައެއް ނުލެވުނެވެ. މެޗުގެ 77 ވަނަ މިނެޓްގައި އޮޑި އަށް ނަތީޖާ ހަމަހަމަކޮށްދިނީ ފާތިމަތު ތީބާ އެވެ.

ނިއުގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން ފާތިމަތު އިނާޝާ އާދަމް ބޯޅަ ޖައްސާލީ ތީބާ އަށެވެ. ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ތެރެއަށް އޮހިގެންދާ ގޮތަށެވެ. އެ ބޯޅަ ނިއުގެ އިންޑޮނޭޝިއާގެ ކީޕަރު ޕްރިހާތީނީ ޕްރިހާތީނީ ބޯޅައިގައި ދެ އަތް ވެސް ޖެއްސި އެވެ. އެކަމަކު އޭނާ އަތުން ދޫވެގްން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.

ހަ ޓީމު ވާދަކުރާ ލީގުގައި މާދަމާ ކުޅޭނީ މާޒިޔާ އާއި ބިސް ބުރެވެ.