03 ޑިސެމްބަރ 2025 - 12:10

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މިހާރު ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ކޮމިޓީން ގެނައި ބަދަލުތަކާ އެކު، މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އެ ބިލްގައި ކަނޑައެޅި އެވެ.
ނަމަވެސް، އެ އަދަބު ދެވެނީ ވަކި ޝަރުތުތަކެއް ފުރިހަމަވެ، މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުން މައްސަލަ ބައްލަވާ ފަނޑިޔާރުން އިއްތިފާގުވާ ނަމަ އެވެ. ފަނޑިޔާރުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހެނީ މިހާރު ވެސް އޮންނަ ގޮތަށް އުމުރަށް ޖަލަށް ލުމުގެ އަދަބެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް، ބިލަށް ކޮމިޓީން އިސްލާހު ގެނެސްފައިވާ ގޮތުން، މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުން ކަމަށް ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ.
މި ގާނޫނުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކ،ީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހު ތަސްދީގު ކުރުމާ އެކު ދެން ނުދެވޭނެ އެވެ.
މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަން:
އެއީ:
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައިވުން،
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން.
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،
މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށް ވާނަމަ ކަމަށް ވެސް ބިލުގައި ބަޔާންކުރެ އެވެ.
ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ އެވެ.
މަރުގެ ތަންފީޒު ކުރެވޭނީ ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމުންނެވެ.