03 ޑިސެމްބަރ 2025 - 12:10

ބެޔާ ލެވަކޫސަން އަތުން 1-0 އިން ބަލިވެ ބޮރޫޝިއާ ޑޯޓްމަންޑް، ޖަރުމަން ކަޕްގެ ގަދަ 16 އިން ކަޓައިފި އެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެވަކޫސަންގެ ހަމައެކަނި ލަނޑު 34 ވަނަ މިނިޓުގައި ޖަހައިދިނީ، ޖަރުމަންގެ ޔޫތު ގައުމީ ޓީމުތަކަށް ކުޅުމަށް ފަހު، މިދިޔަ އަހަރު އަލްޖީރިއާގެ ގައުމީ ޓީމަށް ކުޅެން ފެށި ފޯވާޑް އިބްރާހިމް މާޒާ، 20، އެވެ.
މިދިޔަ އަހަރު ޒަބީ އޮލޮންސޯގެ ކޯޗުކަމުގައި ޖަރުމަން ކަޕް ކާމިޔާބު ކުރި ލެވަކޫސަން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އޭގެ ކުރީ ދެ އަހަރު ޗެމްޕިއަންކަން ހޯދި އާރުބީ ލައިޕްޒިގް ވަނީ ރޭ 3-1 އިން ދެވަނަ ޑިވިޝަންގެ މަގްޑިބާގް ބަލިކޮށް ކުއާޓާގެ ޖާގައެއް ހޯދައިފަ އެވެ.
ޑޯޓްމަންޑް އެންމެ ފަހުން ޖަރުމަން ކަޕް ކާމިޔާބު ކުރީޯ 2021 ވަނަ އަހަރެވެ. އަދި ޖަރުމަންގެ އެންމެ ވަރުގަދަ އަދި 20 ފަހަރު ތަށި އުފުލާލާފައިވާ މުބާރާތުގެ އެންމެ ކާމިޔާބު ބެޔާން މިއުނިކް އެންމެ ފަހުން މި ތަށި އުފުލާލީ 2020 ވަނަ އަހަރެވެ.
ގަދަ 16 ގައި ބެޔާން މިއުނިކް މިރޭ ޔޫނިއަން ބާލިންއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި މިއަހަރު (މިދިޔަ ސީޒަން؛ 2024/2025) ގެ ޖަރުމަން ކަޕް ކާމިޔާބު ކުރި ސްޓުޓްގާޓް މިރޭ ރަށުން ބޭރުގައި ނުކުންނާނީ ބޯކަމް އާ ދެކޮޅަށެވެ.
މިދިޔަ ސީޒަންގައި ޖަރުމަންގެ ތިންވަނަ ޑިވިޝަނުގައި އޮވެ، ޓީމުތައް ސިއްސުވާލާފައި ޖަރުނަމް ކަޕްގެ ފައިނަލްގައި ސްޓުޓްގާޓާ ދެކޮޅަށް ނުކުތް އަރްމީނިއާ ބިލެފެލްޑް ވަނީ ދެވަނަ ބުރުގައި، އިތުރު ވަގުތު ކުޅެގެން ޔޫނިއަން ބާލިން އަތުން ބަލިވެފަ އެވެ.