އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް މި ވަގުތު އޮތް ގަޕޯގެ ނަމަށް ފައްޔާޒުގެ ތާއީދު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް މި ވަގުތު އޮތް ގަޕޯގެ ނަމަށް ފައްޔާޒުގެ ތާއީދު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް މި ވަގުތު އޮތީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ގެ ނަން އެކަނި ކަމަށާއި އެ މަގާމަށް އޭނާ އަށް ތާއީދު ކުރައްވާ ކަމަށް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އެންމެ ފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ވަނީ، ވަގުތީ ޗެއާޕާސަން ހޮވުމަށް ބައްދަލުވުން ބާއްވާނެ ތާރީހަކާ ގުޅޭގޮތުން ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާ ސުވާލު ކުރައްވައިފަ އެވެ. އަދި އެކަން ވީހާ ވެސް އަވަހަކަށް ބާއްވައި ނިންމަވައި ދެެއްވަން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިދިޔަ ހުކުރު ދުވަހުގެ ރޭ ބާއްވަން އުޅުނީ ވެސް މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމުގައި ހުންނެވި ފައްޔާޒު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.

ނަމަވެސް، ޕާޓީގައި އުފެދިފައިވާ ކޯޅުންތަކާ ހެދި ވަކި ހިސާބުން އެކަން ހުއްޓުނީ އެވެ.

ވަގުތީ ޗެއާޕާސަންގެ މަގާމަށް ފުރަތަމަ ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ. އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް އޮތީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވާތީ އޭނާ އަށް ޗެއާޕާސަންގެ މަސްއޫލިއްުޔަތު އަދާކުރެއްވިދާނެތޯ ކުރިއްސުރެ އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.

ވަހީދުގެ ނަން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އަސްލަމްގެ ނަން ހުށަހަޅަން އުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

މީޑިއާ ނުވައްދައި ކުރީގެ ވެސްޓްޕާކް ސަަރަހައްދުގައި ހުންނަ "ފަންކްޝަން ފައިވް" އިވެންޓު ހޯލްގައި ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ ވަހީދުގެ ނަމަށެވެ. ވަގުތީ ޗެއާޕާސަން ކަމަށް ވަހީދު އައްޔަން ކުރަން ފެންނަ ކަމަށް 47 މީހަކު ވޯޓު ދިން ނަމަވެސް އެ ހިސާބުން ބޮޑު ޒުވާބަކަށް ގޮސް އަސްލަމްގެ ނަން ހުށަހަޅަން އިދިކޮޅު ފެކްޝަނުން ފުރުސަތެއް ނުދިނެވެ. އެހެންވެ، އަސްލަމްގެ ނަމަށް ވޯޓަށް ނޭހެނީސް ބައްދަލުވުމުގެ ތެރެއިން ބޮޑު ޒުވާބެއް އުފެދި ނިންމާލީ އެވެ.

އޭގެ ފަހުން، ވަހީދު ވަނީ ޑެޕިއުޓީ ޗެއާސާންގެ މަގާމަށް ހުށަހެޅުއްވި ނަން އޭނާ އަނބުރާ ނަންގަވައިފަ އެވެ.

ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީގައި ވަހީދު ވިދާޅުވީ، ވަގުތީ ޗެއާާޕާސަންގެ މަގާމު އޭނާ ކާމިޔާބު ކުރައްވާފައިވިއަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޝާހިދު ކަން ކުރެއްވި ގޮތުން ވާދަކުރުން އަނބުރާ ގެންނަން ނިންމެވީ ކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ އެމްޑީޕީގެ އެއްބައިވަންތަކަން ގާއިމް ކުރުމަށް ކަމަށް ވިދާޅުވި އެވެ.