03 ޑިސެމްބަރ 2025 - 15:12

ހެލްތު ސެޓްފިކެޓާ ނުލައި ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރަން ކްލިއަރެންސް ދިން މައްސަލައެއްގައި އެމްއެފްޑީއޭގެ ދެ މުވައްޒަފެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޕޯޓު ކްލިއަރެންސްގައި އުޅުނު އެމްއެފްޑީއޭގެ ފީލްޑު އޮފިސަރުންތަކެއް، ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި ކަނޑާއި ވައިގެ މަގުން އެތެރެ ކޮށްފައިވާ ޝިޕްމަންޓްތަކަކަށް މިދިޔަ މާޗު މަހު ކްލިއަރެންސް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދައުވާކޮށްފައިވަނީ ދަފްތަރު 9244، އަހުމަދު ހާޝިމް އަދި ގދ. ތިނަދޫ، އަރަފާތު، އަހުމަދު ޒާހިިރުގެ މައްޗަށެވެ.
އެ ކޮންމެ މީހެއްގެ މައްޗަށް ވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އުފުލައިފަ އެވެ.
ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ މައްސަލައަކަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީ އޮފީހުން ބުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ދައުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް، އެއީ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުން ހުރި ކަމަކަށް ވާތީ އާއްމު މަސްލަހަތު ވަޒަންކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހަދަން ނިންމާފައިވާ ކަމަށް ބުންޏެވެ.