03 ޑިސެމްބަރ 2025 - 23:56

ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި މިއަދު މެންދުރުފަހު ރޯވެ، އެއް އިންޖީނު ހަލާކުވި ނަމަވެސް ކަންކަން ހަމަޔަކަށް އަޅުވައި މީގެ ބައިގަޑިއެއްހާއިރު ކުރިން މުޅި އެ ރަށަށް ކަރަންޓު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ، ގަމުގެ ހުރިހާ ތަންތަނަށް ކަރަންޓު އަލުން ދީ ނިންމައިލެވުނީ މިރޭ 11:30 ހާއިރު ކަމަށެވެ.
މިއަދުގެ މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ވީ އިންޖީނުގެ އަށެވެ. އެހެންވެ، އަލުން ކަރަންޓު ދިނީ އެ އިމާރާތް ވަގުތީ ގޮތުން ހިޔާ ކުރުމަށް ފަހު އެވެ.
ގަމުގެ ތިން އަވަށަށް ކަރަންޓު ދޭން ބޭނުންކުރާ ފަސް އިންޖީނުގެ ތެރެއިން އެއް އެއް އިންޖީނު ވަނީ ބޭނުން ނުކުރެވޭ ވަރަށް މިއަދުގެ އަލިފާނުގެ ހާދިސާގައި އަނދައިފަ އެވެ.
"އެހެންވެ އަނެއް ހަތަރު އިންޖީނުން އަލުން ކަރަންޓު މި ދޭން ފެށީ. އެއްވެސް މައްސަލައެއް ދިމާނުވެ ކަރަންޓު އެބަދެވޭ،" އެމްޑީ ނަޖާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި އިންޖީނުގެ ފާރު އަލުން ރޭނުމާއި އެހެނިހެން ގެއްލުންތައް މަރާމާތުކުރުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ އެވެ.