04 ޑިސެމްބަރ 2025 - 10:27

ޗެލްސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި، 3-1 އިން ޗެލްސީ އަތުން ލީޑްސް ޔުނައިޓެޑް ހޯދީ ހައްގު މޮޅެއް ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

"ވަރަށް ދަށް ރެޔެއް. އެ މީހުން [ލީޑްސް] މޮޅުވާން ހައްގު، ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނު،" މެޗަށް ފަހު މަރެސްކާ ބުންޏެވެ.
"މި މެޗުން އަހަރެމެންނަށް އެކައްޗެއް ވެސް ނެތް ލިބޭކަށް. ހަމައެކަނި އޮތް ގޮތަކީ ހެދުނު ގޯސްތައް ފާހަގަކޮށް އެކަން ތަކުރާރު ވިޔަ ނުދޭން މަސައްކަތް ކުރުން. އެއީ 48 ގަޑިއިރުތެރޭ އެބައޮތް އެހެން މެޗެއް."
ލީޑްސް ވަނީ ފުރަތަމަ ހާފުގައި ޔަކާ ބިޔޯލް އާއި އައޯ ޓަނަކާގެ ގޯލަކުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ލަނޑެއް ޖަހައި ޗެލްސީއަށް ފަރަގު ކުޑަ ކޮށްދީފައި ވަނިކޮށް ލީޑްސްގެ ތިންވަނަ ލަނޑު 72 ވަނަ މިނިޓުގައި ޖެހީ ޑޮމިނިކް ކެލްވާޓް-ލެވީން އެވެ.
އަނިޔާގެ ސަބަބުން ދެ މަހަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި ކޯލް ޕާމާ، އަނިޔާއިން ރަނގަޅުވެފައި ހުރުމުން ރޭ ގެ މެޗުގައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފުރުސަތު ދީފަ އެވެ.
ޗެލްސީ ވަނީ މީގެ ތިން ދުވަސް ކުރިން، 10 ކުޅުންތެރިންނާ އެކު ކުޅެގެން ލީގު އެއްވަނައިގައި އޮތް އާސެނަލްއާ 1-1 އިން އެއްވަރު ކޮށްފަ އެވެ. އޭގެ ހަތަރު ދުވަސް ކުރިން ވަނީ ޗެމްޕިއަންސް ލީގުގައި 3-0 އިން ބާސެލޯނާ ބަލިކޮށްފަ އެވެ.
ލީޑްސް އަތުން ވީ ބައްޔާ އެކު ޗެލްސީ އާއި ލީގު ތާވަލްގެ ކުރީގައި އޮތް ޓީމުތަކާ މެދު ފަގަރު ވަނީ ބޮޑުވެފަ އެވެ. މިހާތަނަށް ކުޅުނު 14 މެޗުން ހޯދި 24 ޕޮއިންޓާ އެކު ޗެލްސީ ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ. އަދި ލީޑްސް ވަނީ 14 ޕޮއިންޓާ އެކު މިވަގުތަށް ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައިފަ އެވެ.
ކުރިން އެ މަގާމުގައި އޮތް އެސްޓަން ވިލާ ވަނީ ރޭ 4-3 އިން ބްރައިޓަން ބަލިކޮށްގެން 27 ޕޮއިންޓާ އެކު ތިންވަނައަށް ޖެހިލައިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 28 ޕޮއިންޓް ލިބިފައި ވާއިރު، އާސެނަލް އެއްވަނައިގައި އޮތީ 33 ޕޮއިންޓް ހޯދައިގެންނެވެ.
ޗެލްސީގެ ފަހަތުގައި ވިއްދާފައި އޮތީ ކްރިސްޓަލް ޕެލަސް އާއި ސަންޑަލެންޑެވެ. ފަސްވަނައިގައި އޮތީ ރޭ 1-0 އިން ބާންލީ ބަލިކުރި ޕެލަސް އެވެ. އަދި ހަވަނައިގައި އޮތް ސަންޑަލެންޑް ވަނީ 1-1 އިން ލިވަޕޫލާ އެއްވަރު ކޮށްފަ އެވެ. ދެ ޓީމަށް ވެސް ވަނީ 23 ޕޮއިންޓް ލިބިފަ އެވެ.
ހަތްވަނައިގައި އޮތް ބްރައިޓަން އާއި އަށްވަނައިގައި އޮތް ލިވަޕޫލަށް ވެސް ވަނީ 22 ޕޮއިންޓް ލިބިފަ އެވެ.
ނުވަވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 21 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ. މިރޭ މެންދަމު 1:00 ގައި އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްގެން ޔުނައިޓެޑަށް ވަނީ ޗެލްސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް ފަސްވަނައަށް ޖެހިލަން ފުރުސަތު ފަހުވެފަ އެވެ.