04 ޑިސެމްބަރ 2025 - 11:40

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދުގަ އެވެ. އެތަނުގެ މަގު ފުޅާކޮށް، އެ މަގުގައި ތާރު އަޅާނެ އެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުއަކީ އާންމުންގެ އުއްމީދުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫއުއެއްކަން ޔަގީންކުރުމުގެ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލާ ކަމަށެވެ.
އެެހެންވެ، އެކަމާ ގުޅިގެން އާންމުން ދެކޭ ގޮތް ހޯދުމަށް ކުރިއަށް ގެންދާ އެ ސާވޭގައި އަހަނީ މަސައްކަތުން ލިބޭނެ ފައިދާ އާއި މަގު ބަންދުކުރުމުން ދިމާވާނެ، ދަތިތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ އެވެ. އަދި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދު ބޭނުންކުރަނީ ކޮން ބޭނުމެއްގައިތޯ ވެސް އެމްޓީސީސީން އަހަ އެވެ.
- މަގުފުޅާކުރުމަށް، ބަނދަރު ތެރެއިން 7 މީޓަރުގެ ފުޅާ މިނުގެ ސަރަހައްދެއް ވެލިއަޅައި ހިއްކުން.
- ބަނދަރުގެ ކީވޯލް އަލުން ހެދުން.
- މަގު އެއްވަރުކޮށް ތާރުއެޅުން.
- މަގުގައި ފެންބޮޑުވުން ހައްލުކުރަން، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން.
- މަގުގެ ދެފަރާތުގައި މީހުން ހިނގާނެ ސަރަހައްދަކާއި ގަސް އިންދާނެ ސަރަަހައްދުތަކެއް ކަނޑައެޅުން.
- މަގުގައި އުޅަނދު ދުއްވުމަށް ބޭނުންވާ ލޭނުތައް ކަނޑައެޅުން.
އެކަމަކު އެ މަޝްރޫއު ފަށާނެ ތާރީހެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ.
ގާތްގަނޑަކަށް 144 މިލިއަން ރުފިޔާގެ އެ މަޝްރޫއުއަށް 455 ދުވަސް ހޭދަވާނެ އެވެ. އެކި ބައި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދާތީ މިދިޔަ އޮގަސްޓް މަހުގެ މެދަކާ ހިސާބުން ފެށިެގން މާރުކޭޓު މަގުގެ އެއްބައި ވަނީ ބަންދުކޮށްފަ އެވެ.
އެ މަސައްކަތާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އެ މަޝްރޫއުއަކީ މާލޭގެ ތޮއްޖެހިފައިވާ ވެހިކަލްތަކުން ދަތުރުފަތުރަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިއްމު ބައިގެ ފެށުން ކަމަށެވެ.