04 ޑިސެމްބަރ 2025 - 13:43

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ ނަގާ ދިފާއުއަކީ ހުރާފާތެއް ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
އެ މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ ބައްސާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި ދިފާއު ބަލައިނުގަތުމަށް އެ ކޯޓުން ނިންމާފައިވާއިރު އެ ނިންމުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ބައްސާމްގެ ފަރާތުން ބުނެފައިވަނީ ފީފާގެ ފައިސާތަކަކަށް ހިނާޔާތްތެރިވި ކަމަށް ބުނާ މައްސަލައެއް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށާއި އަދި ފީފާގެ ހުއްދަ ނެތި އެފަދަ ކަމެއް ކުރުމަކީ އެ ގައުމެއް ފީފާއިން ސަސްޕެންޑް ކުރެވޭނެ ކަމެއް ކަމަށް ބައްސާމްގެ ފަރާތުން ބުނެފައިވެ އެވެ.
އެ ދިފާއުއަށް ރައްދެއްގެ ގޮތުގައި ޝަމީމް މިއަދު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި ބައްސާމްގެ މައްސަލަ ރާއްޖޭގެ ކޯޓުތަކަށް ބެލޭނެކަން ގާނޫނުލްއުގޫބާތުގެ 13 ވަނަ މާއްދާއިން ސާފެވެ. އެ މާއްދާގައި ބުނާގޮތުން ކުށެއްގެ ރުކުނެއް ކަމުގައިވެދާނެ އަމަލެއް ދިވެހިރާއްޖޭގައި ހިނގާ ހިނދު އެ ކުށަކަށް ރާއްޖޭގެ ގާނޫނުގެ އިހުތިސާސް ލިބެ އެވެ.
"މި ހާލަތުގައި، ހިޔާނާތުގެ އަމަލު ހިނގީ ރާއްޖޭގައި ކަމަށްވާތީ، އަމަލުގެ ރުކުނުގެ ތެރެއިން ރާއްޖެއަށް ބާރުލިބެ އެވެ. އެ މާއްދާގެ (3) އަދި މާ ސާފެވެ. އެ އަކުރުގައި އޮންނަނީ، ކުށްކުރީ ކޮންމެ ތަނެއްގައިކަމަށްވީ ނަމަވެސް ދިވެހިރައްޔިތަކު ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅުން ބިނާވެފައިވާ މީހަކު ކުރާ ކުށް ބެލުމުގެ ބާރު ދިވެހިރާއްޖޭގެ އިދާރާތަކަށް ލިބެ އެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.
ޝަމީމް ވިދާޅުވީ ފީފާގެ މެންބަރަކަށް ވެވެނީ ކޮންމެ ގައުމަކުން އެންމެ ޖަމްއިއްޔާއަކަށް ކަމަށްވާއިރު، ރާއްޖޭގައި އެ ދައުރު އޮތީ އެފްއޭއެމްއަށެވެ. އެފްއޭއެމަށް އެ ދައުރު ލިބުނީ ސަރުކާރުގެ ހުއްދައާ އެކު ފުޓުބޯޅަ ތަރައްގީކުރުމަށް ކަމަށާއި އެހެންވެ، އެފްއޭއެމްއަށް ލިބޭ ފައިސާއަކީ ހަގީގަތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރަން، ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ ކަން ޝަމީމް ފާހަގަކުރެއްވި އެވެ.
"...ވީމާ، ފީފާ މެދުވެރިކޮށް ލިބުނަސް، ނުވަތަ އެނޫން ޖަމްއިއްޔާއެއް މެދުވެރިކޮށް ލިބުނަސް، އެ ފައިސާއަކީ ހަގީގަތުގައި ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ އެވެ. އެ ފައިސާގެ އަމާނާތްތެރިއަކީ ފީފާ އާއި އެފްއޭއެމް އެވެ. ހިޔާނަތްތެރިވެވެނީ އެ ފައިސާއަށެވެ. އެއީ ދިވެހި ރައްޔިތުންގެ ހައްގަކަށެވެ،" ޝަމީމް ވިދާޅުވި އެވެ.
ބައްސާމްގެ މައްޗަށް ތަހުގީގު ހިންގަން އަމުރު ނެރުއްވައި، އޭނާގެ މައްޗަށް ދައުވާ އުފުލި ޕްރޮސިކިއުޓާ ޖެނަރަލް ވިދާޅުވީ ފީފާއިން ދޭ ފައިސާ ރާއްޖޭގެ އެއްވެސް އިދާރާއަކަށް ނުބެލޭ ގޮތަށް ގެންގުޅެވޭނެ ކަމަށް ދެކުމަކީ، މަނީ ލޯންޑަރިން ހުއްޓުވުމާބެހޭ ގާނޫނާ ވެސް އިދިކީލި މަފްހޫމެއް ކަމަށެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ވެސް ހިލާފުވާނެ ވާހަކައެއް ކަމަށް ވިދާޅުވި އެވެ.
ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ބައްސާމް ފާހަގަކުރާއިރު ޝަމީމް ވިދާޅުވީ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެއީ ފީފާއިން ނިންމާނެ ކަމެއް ކަމަށާއި ސަސްޕެންޑް ކުރިއަސް، އެ ކަމަކީ ބައްސާމްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ނުބެލޭންވީ ސަބަބެއް ނޫން ކަމަށެވެ.
އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ތަބާވާންޖެހޭ ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުގައި އޮތް ކަންކަމުގެ ތެރޭގައި ފީފާއިން ނިންމަފާނެ ގޮތަކަށް ބެލުމަކީ އޮތް ކަމެއް ވެސް ނޫން ކަމަށާއި ފީފާއާ ގުޅުވައިގެން ދައްކާ ވާހަކައަކީ ހުރާފާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފީފާއިން ގައުމެއް ސަސްޕެންޑް ކުރަނީ، ޝަމީމް ވިދާޅުވި ގޮތުގައި ތިންވަނަ ފަރާތެއްގެ ނުފޫޒެއްގެ ދަށުން އެ ގައުމެއްގެ ނެޝަނަލް އެސޯސިއޭޝަން ހިންގުމުގެ ކަންކަމާ ބެހޭނަމަ އެވެ.
ޕާކިސްތާނުގެ ފުޓުބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑްކުރީ ލާހޯރުގެ ހައި ކޯޓުން އައްޔަންކުރި އެޑްމިނިސްޓްރޭޓަރަކު ފުޓުބޯޅަ އެސޯސިއޭޝަން ހިންގުމާ ހަވާލުވުމުންނެވެ. ހިންގުމުގެ ދާއިރާއަށް ވަނުމަކީ ފީފާއިން ނުރުހޭ ކަމެއް ނަމަވެސް، ކޮރަޕްޝަންގެ މައްސަލައެއް ބަލައިގެން ފީފާއިން އެއްވެސް ގައުމެއް ސަސްޕެންޑެއް ނުކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ފުޓުބޯޅައާ ގުޅުންހުރި ކަންކަމުގައި 150 މިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިންގާފައި އޮތް ކަމަށް އެމެރިކާގައި ތުހުމަތުވި މައްސަލަތައް ބެލިއިރު އެ ގައުމު ފީފާއިން ސަސްޕެންޑްކޮށްފައެއް ނުވެ އެވެ.
"ރާއްޖެއަށް ފީފާގެ ސަސްޕެންޝަނެއްގެ ބިރު ނެތީ އެ ސަބަބަށްޓަކަ އެވެ. ކޯޓުގައި އޮތް މައްސަލައަކީ އެފްއޭއެމްގެ ހިންގުމާބެހޭ މައްސަލައަކަށް ނުވާތީއެވެ،" ޝަމީމް ފާހަގަކުރެއްވި އެވެ.
ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓަރުންނަކީ ފުޓުބޯޅައިގެ "ސޭވިއަރުން" ނެއް ނޫން ކަމަށާއި ފުޓުބޯޅަ ސަލާމަތްކުރާނީ ފުޓުބޯޅައިގެ މީހުން ކަމަށެވެ. ޕްރޮސިކިއުޓަރުން ކަށަވަރު ކޮށްދެނީ ކޮރަޕްޝަން ހިންގާ ނަމަ، ފިޔަވަޅު އަޅާނެކަން ކަމާއި ޕްރޮސިކިއުޓަރުންނެއް ފީފާއަކާ ކުރާނެ މަޝްވަރާއެއް، ދައްކަންޖެހޭ ވާހަކައެއް، ބާއްވަންޖެހޭ ބައްދަލުވުމެއް، ބޯންޖެހޭ ސައެއް ނޯންނާނެ ކަމަށެވެ.
މުޅި މައްސަލައިގެ ތަހުގީގު، ކާމިޔާބުކަމާއި ހިކުމަތްތެރިކަމާ އެކު ގެންދިޔައީ ފުލުހުންގެ އިންވެސްޓިގޭޓަރުންގެ ކުޅަދާނަކަމާއި ހުށިޔާރުކަމުން ކަމަށާއި މައްސަލަ ބެލުމަށް އައްޔަންކުރި ޕްރޮސިކިއުޓަރުންގެ ލަފަ އާއި އިރުޝާދާ އެކު ކަމަށް ޝަމީމް ވިދާޅުވި އެވެ. މިކަމުގައި އުޅުނު މީހުންގެ ކެރުމާއި ހިކުމަތު އަމަލީ ނެތް ނަމަ، އެތައް ގޯޅިއަކުން ގޯޅިއަޅައިގެންގޮސް މައްސަލަ ކުރިއަށް ނުދެވޭނެ ނުފޫޒުތައް މިމައްސަލައަށް އަބަދުމެ ފޯރަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.