04 ޑިސެމްބަރ 2025 - 13:43

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ބައުޒަރަކުން ޖެހި ފްލައިދުބާއީގެ ބޯޓެއް ގްރަންޑުވެއްޖެ އެވެ.
އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އިން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ތެޔޮ އަޅަން މަތިންދާބޯޓު އޭޕްރަންގައި ޕާކުކޮށްފައި އޮއްވާ ކަމަށެވެ. އެ ހާދިސާގެ ސަބަބުން ބޯޓުގެ ފިޔަތަކުގެ ސްޓްރަކްޗާއަށް ގެއްލުންވި ކަމަށް ބުންޏެވެ.
އެ ހާދިސާގައި ތެޔޮ ލީކުވުން ފަދަ ކަމެއް ނުހިނގަ އެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން މަރާމާތުތައް ނިންމައި ރެގިއުލޭޓަރީ ސްޓޭންޑަޑްތަކުގެ ދަށުން ސެޓްފިކެޓް ލިބެންދެން ބޯޓު އޮންނާނީ ގްރައުންޑްކޮށްފަ އެވެ.
"ބޯޓު އޮންނާނީ ގްރައުންޑްކޮށްފައި، މަރާމާތުގެ މަސައްކަތް ފުރިހަމަކޮށް، ރެގިއުލޭޓަރީ ސްޓޭންޑަޑްތަކަށް ފެތެންދެން،" އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓުކުރެ އެވެ.
ވީއޭއައިއޭ އަކީ އެންމެ ބާރު ބޮޑު، އަދި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ތަނަކަށްވާއިރު އޭވިއޭޓާސް އިން ބުނި ގޮތުގައި މިފަދަ ހާދިސާތަކުން އެނގެނީ އޭޕްރަން ސޭފްޓީ ޕްރޮސީޖާތައް ހަރުކަށި ކުރުންޖެހިފައިވާ ކަމެވެ. ޑްރައިވަރުންގެ ތަމްރީނު އިތުރުކުރުމާއި ގްރައުންޑް ސްޓާފުންގެ މެދުގައި ސާފުކޮށް މުއާމަލާތް ހިންގުމާއި މަތިންދާބޯޓު ކައިރީގައި އުޅަނދުތަކަށް މަގު ދައްކައިދިނުމަށް ހަރަކާތްރެރިވާ މީހުން ބޭނުންކުރުމަކީ މިފަދަ ކަންކަން މަދުކުރަން އެޅޭ ފިޔަވަޅުތަކެއް ކަމަށް ބުންޏެވެ.
އެކަމަކު އެ ހަދިސާއާ ގުޅިގެން އެމްއޭސީއެލުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.