އަޝްފާގުގެ ދަރަނީގެ ނުދައްކާ އޮތް ހަތަރު ލައްކަ ރުފިޔާ ދައްކަން ހުކުމްކޮށްފި
އަޝްފާގުގެ ދަރަނީގެ ނުދައްކާ އޮތް ހަތަރު ލައްކަ ރުފިޔާ ދައްކަން ހުކުމްކޮށްފި

ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑު އަލީ އަޝްފާގު (ދަގަނޑޭ) ގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި އޮތް 1.4 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ނުދައްކާ ހަތަރު ލައްކަ ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އަޝްފާގުގެ މައްޗަށް ސިވިލް ކޯޓުން އޮގަސްޓް 2015 ގައި ހުކުމްކޮށްފައި އޮތީ އޭނާގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފްލޯއެއް ހެދުމަށް އޭނާ އާއި ވީބީ ސްޕޯޓްސް ކްލަބް ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ނުދެއްކުމުން ޔޫމެެޓުން ކުރި ދައުވާއާ ގުޅިގެންނެވެ. އެ މައްސަލާގައި އަޝްފާގާއި ވީބީގެ މައްޗަށް ވެސް ސިވިލް ކޯޓުން އަންގާފައި އޮތީ އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށެވެ.

ސިވިލް ކޯޓުގެ ހުކުމް އަޝްފާގުގެ ފަރާތުން ހައި ކޯޓުގަައި އިސްތިއުނާފުކޮށް، އެ ފައިސާ ހޯދަން ދައުވާ ކުރަންޖެހޭނީ ވީބީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އަޝްފާގު އުފުލަންޖެހޭ ޒިންމާއިން އޭނާ އަށް ބަރީއަ ނުނެވޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ސިވިލް ކޯޓުގެ ހުކުމަށް އޮކްޓޯބަރު 2017 ގައި ވަނީ ތާއީދުކޮށްފަ އެވެ.

ނަމަވެސް، ހައި ކޯޓުން އެގޮތަށް ހުކުމް ކުރުމުން ވެސް ދަރަނި ދައްކާފައި ނުވާތީ ޔޫމެޓް ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު އަޝްފާގު ވަނީ ދަރަނީގެ 1.4 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފަ އެވެ. ނަމަވެސް، ވީބީ ސްޕޯޓްސް އިން އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެ އެވެ.

މައްސަލައިގެ ޝަރީއަތަށް ވެސް ހާޒިރުވެފައިވަނީ އަޝްފާގު އެކަންޏެވެ. ޝަރީއަތުގައި އަޝްފާގު ބުނެފައިވަނީ ދަރަނީގެ ބާކީ ހުރި ފައިސާ ވެސް ދައްކާނީ އޭނާ ކަމަށާއި އެ ފައިސާ ދައްކަން ހަ މަސް ދުވަހުގެ ފުރުސަތެއްދީ ހުކުމް އިއްވުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު، ޔޫމެޓް ކޮންސްޓްރަކްޝަނުން އެދިފައިވަނީ އަޝްފާގުގެ މުދާ ވިއްކައިގެން ނަމަވެސް އެ ފައިސާ ވީ އެންމެ އަވަހަކަށް ލިބޭނެ ގޮތަކަށް ޝަރީއަތުން ހަމަޖައްސައިދިނުމަށެވެ.

ޔޫމެޓް ކޮންސްޓްރަކްޝަންގެ އެ ހުށަހެޅުމާ ގުޅިގެން ޝަރީއަތުން އަޝްފާގުގެ މާލީ ހާލަތު ބެލިއިރު ދަރަނީގެ ބާކީ ބައި ދެއްކޭނެ ތަނަވަސްކަން ހުރި ކަން އެނގެ އެވެ. އަޝްފާގުގެ ފަރާރުން ދަރަނީގެ ބޮޑު ބައެއް ދައްކާފައިވާތީ އަދި އޭނާގެ މުދާ ވިއްކައިގެން ދަރަނީގެ ފައިސާ ހޯދުމުގެ އިޖުރާއަތް ހިންގުމަށް ވުރެ އަޝްފާގުގެ ހުށަހެޅި ގޮތަށް ހަ މަސް ތެރޭގައި ފައިސާ ދައްކަން ކަނޑައެޅުމުން، ދަރަނި ދެއްކުމުގެ މުއްދަތު އަވަސްވާނެ ކަމަށް ގަބޫލުކުރާ ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުންޏެވެ.

އެހެންވެ، ކޯޓުން ވަނީ އަޝްފާގުގެ މުދާ ވިއްކުމުގެ ބަދަލުގައި، ދަރަނި ދައްކަން އޭނާ އަށް ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމައި، އެގޮތަށް ހުކުމްކޮށްފަ އެވެ.

އަޝްފާގު އެ ފައިސާ ނުދައްކައިފި ނަމަ އެ އިމާރާތުގެ ދެ ފްލޯއެއް ކުއްޔަށް ދީގެން ފައިސާ ހޯދުމުގެ ބާރު ޔޫމެޓް ކުންފުންޏަށް ލިބޭ ގޮތަށް އެއްބަސްވުމުގެ ދަށުން އޮތް ނަމަވެސް އެކަން ކުރެވެން އޮންނާނީ އަޝްފާގުގެ އެއްބާރުލުން ލިބިގެން ކަމަށް މީގެ ކުރިން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެ އެވެ. އެއީ އަދިވެސް އަޝްފާގުގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމަށް ވާއިރު އެފަދަ އެއްބާރުލުމެއް އަޝްފާގުގެ ފަރާތުން ލިބިފައިވާ ކަން އެނގެން ނެތް ކަމަށް ވެސް ހުކުމްގައިވެ އެވެ.