މޯލްޑިވިއަން އިން އެއާ އިންޑިއާއާ އެކު ކަނެކްޓިވިޓީ އެގްރީމެންޓެއް
މޯލްޑިވިއަން އިން އެއާ އިންޑިއާއާ އެކު ކަނެކްޓިވިޓީ އެގްރީމެންޓެއް

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާއާއެކު ކަނެކްޓިވިޓީ އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، އާ އެގްރީމެންޓާ އެކު ދެ ގައުމުގެ ދަތުރުތައް މިހާރަށް ވުރެ ފަސޭހައިން ގުޅުވާލެވޭނެ ކަމަށެވެ. އަދި އެއާ އިންޑިއާއިން އަންނަ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތައް ކުރުމުގައި އިތުރު ފަސޭހަތައް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެގޮތުން އެއާ އިންޑިއާ މެދުވެރިކޮށް ނިއުދިއްލީ އާއި މުމްބާއީ އިން އަންނަ ފަރާތްތަކަށް ރާއްޖޭގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ކަނެކްޓިން ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުރު ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. މޯލްޑިވިއަން އިން ރާއްޖޭގެ 16 މަންޒިލަކަށް އަންނަނީ ދަތުރު ކުރަމުންނެވެ.

މޯލްޑިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އެއާ އިންޑިއާއާ އެކު ހެދި އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތްތައް ދިނުމަށް އެއާލައިންއިން ކުރާ މަސައްކަތަށް އިތުުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާއަށް ވެސް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއަން އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ނިފުން އަގަރްވާލް ވިދާޅުވީ އެ އެއާލައިން އިން އަންނަ ފަރާތްތަކަށް ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކާ ދިމާކޮށް ފްލައިޓްތައް ބުކް ކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަން އިން އަންނަނީ ބޭރުގެ ގިނަ އެއާލައިންތަކާ އެކު އެފަދަ ކަނެކްޓިިވިޓީ އެގްރީމެންޓްތައް ހަދަމުންނެވެ. އަދި އެފަދަ އެގްރިމެންޓްތަކާއެކު އިންޓަނޭޝަނަލް އެއާލައިންތަކުން އަންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު ޑޮމެސްޓިކް ދަތުރުތައް ރާއްޖޭގައި ކުރެވޭނެ އެވެ.