އިޒްރޭލު ސިފައިންގެ ވެރިންނަށް އެންޑްރޮއިޑް ފޯނު މަނާކޮށް، އައިފޯން މަޖުބޫރު
އިޒްރޭލު ސިފައިންގެ ވެރިންނަށް އެންޑްރޮއިޑް ފޯނު މަނާކޮށް، އައިފޯން މަޖުބޫރު

އިޒްރޭލު އަސްކަރިއްޔާގެ ލައިންތަކުގައި އެންޑްރޮއިޑް ފޯނު ބޭނުންކުރުން ސިފައިންގެ ވެރިންނަށް މަނާކޮށް އައިފޯނު ނޫނީ ނުގެންގުޅެވޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް އިޒްރޭލު މީޑިއާއިން ބުނެފި އެވެ.

ޖެރޫސެލަމް ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ލެފްޓިނެންޓް ކާނަލް ރޭންކުން ފެށިގެން މަތީ ކޮމާންޑަރުންނަށް ރަސްމީ މުއާމަލާތްތަކުގައި ހަމައެކަނި ބޭނުންކުރެވޭނީ އެޕަލް އައިފޯނެވެ. މިއީ ސީނިއާ އޮފިސަރުންގެ ފޯނުތައް ހެކްކޮށް މައުލޫމާތު ވަގަށް ނެގުން ފަދަ ކަންކަމަށް އޮތް ފުރުސަތު ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޕްލޭންގެ ދަށުން އިޒްރޭލު ސިފައިން އެ މީހުންގެ ވެރިންނަށް އެއް ފެންވަރެއްގެ އިލެކްޓްރޯނިކް ސިސްޓަމްތައް ހަމަޖައްސާނެ ކަމަށާއި އެއީ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމާއި އަޕްޑޭޓްތަކަށް ފަސޭހަކުރުމަށް ކަމަށް ރިޕޯޓްގައިވެ އެވެ. އެކަމަކު މި ޕްލޭން އެއްކޮށް ތަންފީޒުކުރަން ފަށާނީ ކޮން އިރަކު ކަމެއް ނުބުނެ އެވެ.

މީޑިއާގައި ފެތުރިފައިވާ މި ވާހަކައާ ބެހޭ ގޮތުން އިޒްރޭލު ސިފައިން ވާހަކައެއް ނުދައްކަ އެވެ.

އިޒްރޭލު ސިފައިން މި ފިޔަވަޅު އަޅަން ނިންމާފައި މި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި މެސެޖިން އެޕްތައް މެދުވެރިކޮށް ސިފައިންގެ ފޯނުތައް ޓްރެކްކޮށް، ސިފައިންގެ ގޮސް އުޅޭ ތަންތަން ދެނެގެންފާނެ ކަމަށް ސެކިއުރިޓީ އޮފިޝަލުން ބުނެފައި ވަނިކޮށެވެ.

އިޒްރޭލު ސިފައިން މީގެ ކުރިން ވަނީ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ތިބި ސިފައިންގެ ހަރަކާތްތައް ބަލަން ހަމާސް އިން ވަޓްސްއެޕް ބޭނުންކުރާ ކަމަށް ބުނެފަ އެވެ. އެހެންވެ، ސިފައިންގެ މީހެއްގެ ފޯނަށް ޝައްކު ކުރެވޭ މެސެޖެއް ލިބިއްޖެ ނަމަ އަންގަން އެދިފައިވެ އެވެ.

މީގެ އިތުރުން މިލިޓަރީ އިންޓެލިޖެންސުން ވަނީ "ހަނީޕޮޓް" ސްކީމްތަކެއް ވެސް ހާމަކޮށްފަ އެވެ. އެއީ އަންހެން ކުދިން ކަމަށް ހެދިގެން މެސެޖުކޮށް، ފޯނުގައި މެލްވެއާ އިންސްޓޯލް ކުރުވި ހާދިސާތަކެކެވެ. އެނަލިސްޓުން ބުނެފައިވާ ގޮތުގައި މި ކެމްޕެއިންތަކުގެ ބޭނުމަކީ ސިފައިންގެ ޑިވައިސްތަކުގައި ހުންނަ ކޮންޓެކްޓްތަކާއި، ފޮޓޯ އަދި ރިއަލް-ޓައިމް ލޮކޭޝަން ޑޭޓާ އަށް އެކްސެސް ހޯދުމެވެ.