07 ޑިސެމްބަރ 2025 - 07:23

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްގެ ދެވަނަ ބައްޔާ އެކު، ލީގު ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

އާސެނަލް ވަނީ ރަށުން ބޭރުގައި، އެ ޓީމަށް ކުރިން ކޯޗު ކޮށްދިން އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅޭ އެސްޓަން ވިލާ އަތުން 2-1 އިން ރޭ ބަލިވެފަ އެވެ.

ފުރަތަމަ ހާފުގައި އެސްޓަން ވިލާގެ މެޓީ ކޭޝް އެ ޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ދެވަނަ ހާފުގައި އާސެނަލަށް އެއްވަރު ކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑް އެވެ. އާސެނަލް ބަލިވީ އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި އެމީ ބުއެންޑީއާ އެސްޓަން ވިލާ އަށް ޖަހައިދިން ގޯލުންނެވެ.

މެންޗެސްޓާ ސިޓީ ވަނީ ރުބެން ޑިއާޒް އާއި ޖޮސްކޯ ގްވާޑިއޯލް އަދި ފިލް ފޮޑެންގެ ގޯލުތަކުން 3-0 އިން ސަންޑަލެންޑް ބަލިކޮށްފަ އެވެ.
މި ނަތީޖާއާ އެކު، އާސެނަލް އެއްވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ވަނީ 31 ޕޮއިންޓް ހޯދައިފަ އެވެ. އަދި ތިންވަނައިގައި އޮތް އެސްޓަން ވިލާ ވަނީ 30 ޕޮއިންޓް ހޯދައިފަ އެވެ.
ހަތަރުވަނައިގައި އޮތީ 25 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. ޗެލްސީ ވަނީ ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ޗެލްސީގެ ފަހަތުގައި ފަސްވަނައިގައި އޮތީ 24 ޕޮއިންޓް ހޯދާފައިވާ އެވަޓަން އެވެ. އެވަޓަން ވަނީ ރޭ 3-0 އިން ނޮޓްނަމް ފޮރެސްޓް ބަލިކޮށްފަ އެވެ.
ހަވަނައިގައި އޮތް ކްރިސްޓަލް ޕެލަސް އާއި ހަތްވަނައިގައި އޮތް ސަންޑަލެންޑް އަދި 8 ވަނައިގައި އޮތް ލިވަޕޫލަށް ވެސް ވަނީ 23 ޕޮއިންޓް ލިބިފަ އެވެ. ޕެލަސް ހަވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. އެ ޓީމު މިރޭ ފުލަމްއާ ދެކޮޅަށް ނުކުންނާނެ އެވެ.
ލީގު ތާވަލްގެ ނުވަވަނައިން ފެށިގެން 12 އާ ދެމެދު އޮތް ޓޮޓްނަމް ހޮޓްސްޕާ އާއި ބްރައިޓަން އަދި ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ވަނީ މިހާތަނަށް 22 ޕޮއިންޓް ލިބިފަ އެވެ.
ނިއުކާސަލް ވަނީ 2-1 އިން ރޭ ބާންލީ އަތުން މޮޅުވެފަ އެވެ. ބްރެންޓްފޯޑާ ވާދަކޮށް ޓޮޓްނަމް 2-0 އިން މޮޅުވި އިރު، ލިވަޕޫލް ވަނީ ލީޑްސް ޔުނައިޓެޑާ ވާދަކޮށް 3-3 އިން އެއްވަރު ވެފަ އެވެ.
ހޫގޯ އެކިޓިކޭ ދެވަނަ ހާފުގެ ކުރީކޮޅު ޖެހި ދެ ގޯލުން ލިވަޕޫލް ލީޑު ނެގި ނަމަވެސް ލީޑްސް ވަނީ 73 ވަނަ މިނިޓާއި 75 ވަނަ މިނިޓުގައި ޑޮމިނިކް ކެލްވާޓް-ލެވީން އަދި އެންޓޮން ސްޓެޗްގެ ގޯލުތަކުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. އެއަށް ފަހު 80 ވަނަ މިނިޓުގައި ޑޮމިނިކް ސޮބޮޒްލައި ލިވަޕޫލަށް އަލުން ލީޑު ނަގައިދިން ނަމަވެސް އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ލީޑްސް އެއްވަރުކުރީ އާއޯ ޓަނަކާ ކާމިޔާބުކުރި ގޯލުންނެވެ.
އެއް މެޗު މަދުން ކުޅެގެން ތާވަލްގެ 12 ވަނައިގައި އޮތް ޔުނައިޓެޑް މާދަމާ ރޭ ރަށުން ބޭރުގައި، ދެ ޕޮއިންޓާ އެކު ލީގުގެ ފުލުގައި އޮތް ވުލްވްސްއާ ދެކޮޅަށް ކުޅޭނެ އެވެ.