ޓޫރިޒަމްގެ ނަފާ ހޯދަން ޖެހޭނީ ސަގާފަތް ދިރުވުމާ އެކު
ޓޫރިޒަމްގެ ނަފާ ހޯދަން ޖެހޭނީ ސަގާފަތް ދިރުވުމާ އެކު

މީހުން ދިރިނޫޅޭ ރަށްރަށުގައި އެކަނި ރިސޯޓުތައް ހަދައިގެން ކުރިން އަހަރެމެން ފަތުރުވެރިކަމުގެ މަސައްކަތް ކުރިޔަސް މިހާރު ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ފަތުރުވެރިކަން ވަރަށް ބޮޑަށް ފެތުރިފަ އެވެ. ގައުމުގެ އިގުތިސާދަށް މިކަމުން ވަރަށް ބޮޑު ކުރިއެރުމެއް ލިބުނަސް މިކަމުން އަހަރެމެންގެ އިޖުތިމާއީ ފޭރާމަށާއި އިސްލާމީ ސަގާފަތަށް ގެއްލުންތަކެއް އެބަ ލިބެ އެވެ. މިއީ މުސްލިމުންގެ ހައިސިއްޔަތުން ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި މިއީ ހައްލެއް ހޯދަން ޖެހޭ ކަމެކެވެ.

ޓޫރިޒަމްގެ ނަފާ ހޯދަން ޖެހޭނީ ސަގާފަތް ދިރުވުމާ އެކު
ޓޫރިޒަމްގެ ނަފާ ހޯދަން ޖެހޭނީ ސަގާފަތް ދިރުވުމާ އެކު

ލޯކަލް ނުވަތަ މަހައްލީ ފަތުރުވެރިކަމާ އެކު އަޅުގަނޑުމެންނަށް ދިމާވެފައިވާ ސަގާފީ ގޮންޖެހުމުގައި އެތައް ކަމެއް ހިމެނެ އެވެ. އެއްކަމަކީ ހެދުން އެޅުމުގައި ބައެއް ފަތުރުވެރިންގެ ސަގާފަތް އަޅުގަނޑުމެންގެ އިސްލާމީ ސަގާފަތާ ނުގުޅޭ ހިނދު އެފަދަ ހެދުމުގައި އާންމުން އުޅޭ ތަންތަނަށް ނުކުތުން އެ މީހުންނަށް މައްސަލައަކަށް ނުވުމެވެ.

ޓޫރިޒަމްގެ ނަފާ ހޯދަން ޖެހޭނީ ސަގާފަތް ދިރުވުމާ އެކު
ޓޫރިޒަމްގެ ނަފާ ހޯދަން ޖެހޭނީ ސަގާފަތް ދިރުވުމާ އެކު

ދެވަނަ ކަމަކީ ކެއިންބުއިމާއި އެކުވެ އުޅުމުގައި އަހަރެމެންނަށް ހުއްދަނުވާ ބައެއް ކަންކަން އަހަރެމެންގެ ކުރިމަތީގައި އެމީހުން ކުރުމެވެ. މިސާލަކަށް ރާބުއިމާއި ދެޖިންސުގެ މީހުން ގައިގޯޅިވެ އުޅުން ކަހަލަ ކަންކަމެވެ.

ތިންވަނަ ކަމަކީ އިގުތިސާދީ މަންފާ އަކަށްޓަކައި އިސްލާމީ ބައެއް ގިޔަމުތަކުން ތަނާޒުލު ވުމެވެ. މިސާލަކަށް ހަށިވިއްކުމާއި ޖުވާކުޅުން ފަދަ ކަންކަމުން ފައިސާ ލިބޭތީ ހަލާލުހަރާން ނުބަލައި އެފަދަ ކަންކަމަށް ފުރުސަތު ދިނުމެވެ.

ގޮންޖެހުމުގައި ހިމެނޭ ހަތަރުވަނަ ކަމަކީ ގާނޫނާއި ގަވައިދުތައް ތަންފީޒު ކުރުމުގައި މޮނީޓަރު ކުރުމުގެ ބައި ނިކަމެތި ވުމެވެ. ކުދި ރަށްރަށުގައި ފުލުހުން އެހާ ގިނަ ނުވުމާއި އާންމުންގެ މެދުގައި ވެސް މިހާރަކަށް އައިސް ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުމުގެ ސަގާފަތު ނިކަމެތިވެފައި ވުމެވެ.

އެހެންވެ ފަތުރުވެރިން ވިއަސް ރައްޔިތުން ވިއަސް އިސްލާމީ ސަގާފަތާ ހިލާފު ކަމެއް ކުރިޔަސް އެކަން މަނާ ނުކުރެވެ އެވެ. މިފަދަ މިފަދަ ހުރިހާ ކަމެއްގެ ސީދާ ނަތީޖާ އަކީ އަހަރެމެން ރައްޔިތުން ނުރަނގަޅު ސިފަތަކަށް ތަބާވެ އާދަވާން ފަރިތަވުމެވެ. މިސާލަކަށް ފަތުރުވެރިންނާ އެކު ހުއްދަ ނޫން ކެއިންބުއިންތަކުގައި ބައިވެރިވުމާއި މަސްހުނިވެގެން އުޅެން އާދަވުމެވެ. މިއީ އިސްލާމީ ސަގާފަތާ ފުށުއަރާނެ ކަންކަމެވެ.

މި އިޝާރާތް ކުރި ގޮންޖެހުންތަކާ އެކު އަހަރެމެންގެ ސަގާފަތް ރައްކާތެރި ކުރެވޭނެބާއޭ އެއީ ވަރަށް ގިނަމީހުންގެ ހިތަށް އަރާފާނެ ސުވާލެކެވެ. ހަގީގަތަކީ ބަވަނަވެފައިވާ ދުނިޔެއެއްގައި ގުޅިގެން އެކުގައި އުޅެން ދަސްނުކޮށް އަހަރެމެންނަށް ނޫޅެވޭނެ ކަމެވެ.

ކީރިތި ރަސޫލާ ﷺ މަދީނާގައި ބިނާ ކުރެއްވި އެންމެ ފުރަތަމަ އިސްލާމީ މުޖުތަމައުގައި ދިރިއުޅެން އެކަލޭގެފާނު ދަސްކޮށް ދެއްވީ އެކުގައި ގުޅިގެން އުޅުމަށެވެ. އެކަމަކު އިސްލާމީ ސަގާފަތް ގެއްލުވާނުލަ އެވެ. އެހެންކަމުން މިއަދުވެސް އަހަރެމެންނަށް އެ ގޮތަށް ނޫޅެވެންވީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތުގައި ބޭނުންވަނީ ވަރުގަދަ އަޒުމަކާ އެކު ސަގާފަތް ދަމަހައްޓަން ކުރާނެ ކަންތައްތަކެއް ކަނޑައަޅައި ތަންފީޒު ކުރުމެވެ.

ފަތުރުވެރިކަމުގެ ގޮންޖެހުމުގެ ކުރިމަތީ ސަގާފަތް ރައްކާތެރި ކުރަން ކުރެވިދާނެ އެއް ކަމަކީ އަހަރެމެންގެ ނަފުސުގެ ދާހިލީ ބާރު ވަރުގަދަ ކުރުމެވެ. އެބަހީ އީމާންތެރިކަން ވަރުގަދަ ކުރުމާއި އިސްލާމީ އަހުލާގީ ގިޔަމުތައް ދަސްކޮށް އެކަންކަމަށް އިހުތިރާމު ކުރުމެވެ. އަދި މި މަގުސަދު ހާސިލު ކުރުމަށް ބޭނުންވާ ފިކުރާއި ވިސްނުންތައް ތައުލީމީ ނިޒާމުންނާއި ގޭތެރެއިންނާއި އާންމު ޕްރޮގްރާމްތަކުގެ ތެރެއިން ފޯރުކޮށްދިނުމެވެ. މިބައިތައް ވަރުގަދަކޮށް އިންސާނާގެ ޒަމީރު ތަރުބިޔަތު ކުރުވިއްޖެ ނަމަ ބޭރުން އަންނަ ޚާރިޖީ ގޮންޖެހުންތައް މައިތިރި ކުރަން ފަސޭހަވާނެ އެވެ.

ދެވަނަ ކަމަކީ މަހައްލީ ފަތުރުވެރިކަން ވަކި ގޮތަކަށް އިންތިޒާމު ކުރުމެވެ. މިގޮތުން މިކަމަށް ހާއްސަ ބައެއް ގަވައިދުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ. މިސާލަކަށް ފަތުރުވެރިން އާންމު ތަންތަނަށް ދާ ނަމަ އެންމެ ދަށްވެގެން ހެދުން އަޅަންޖެހޭނެ ގޮތާއި އާންމުންގެ ތެރޭގައި ނުކުރެވޭނެ ކަންތައްތަކެއް ކަނޑައެޅުމެވެ. މީގެ މާނައަކީ އެ މީހުންނަށް މިނިވަންކަން އެއްގޮތަށް ވެސް ނުދެވޭނެ ވާހަކައެއް ނޫނެވެ. އެ މީހުންނަށް ހާއްސަ އޭރިއާތަކެއްގައި އެ މިނިވަންކަން ދެވޭނެ އެވެ. ނަމަވެސް މިފަދަ އޭރިއާތަކަށް އަހަރެމެން ވަދެއުޅުމުގެ މިންގަނޑުތަކެއް ކަނޑައެޅުން މުހިންމެވެ. ހަމަ މިއާ އެކު އަހަރެމެންނަކީ ވަކި ސަގާފަތެއްގެ ބައެއްކަން ފަތުރުވެރިންނަށް އިހުސާސްވާނެ ފަދަ ކަންކަން ވެސް މި އިންތިޒާމުގެ ތެރޭ ހިމެނެން ވާނެ އެވެ.

ތިންވަނަ ކަމަކީ މަހައްލީ ފަތުރުވެރިކަމަކީ އެހެން މީހުން ބޭނުންވާ ގޮތަކަށް ހިންގަން ތަބާވާ ކަމަކަށް ނުހަދައި އަހަރެމެން އަމިއްލައަށް ހިންގާ ކަމަކަށް ހެދުމެވެ. ގެސްޓު ހައުސްތަކަކީ އަހަރެމެންގެ އާއިލާތަކުން ހިންގާ ތަންތަނަށް ހެދުމާއި މަހައްލީ ފަތުރުވެރިކަމާ ގުޅޭ ގަވައިދުތައް ހެދުމުގައި ސީދާ އަހަރެމެން ބައިވެރިވާ ގޮތަށް އޮތުން މުހިންމެވެ. އަދި ފަތުރުވެރިކަމާ ގުޅޭ ހަރަކާތްތައް ހިންގާ ބަޔަކީ ލޯކަލް ކައުންސިލްތައް ކަމަށް ހެދުމާއި މިކަންކަމުގައި އިސްލާމީ ސަގާފީ ގިޔަމުތައް ދަމަހައްޓަން އެންމެންވެސް ފިކުރު ގެންގުޅުން މުހިންމެވެ.

ހަތަރުވަނަ ކަމަކީ އަހަރެމެންގެ ސަގާފީ އައިޑެންޓިޓީ ފަތުރުވެރިންނަށް ފެންނާނެގޮތް ހެދުމެވެ. މިގޮތުން މިސްކިތްތަކަށް ދޭ ސަމާލުކަމާއި ބަންގި އާއި ނަމާދަށް ދޭ އަހަންމިއްޔަތު ކުޑަ ނުކުރުމެވެ. އަދި އެންމެން ވެސް ތަބާވާން ޖެހޭ އިޖުތިމާއީ އަދަބުތައް ދައްކައިދޭ ލިޔުންތަކާއި ކުރެހުންތައް ފެންނަ ގޮތަށް ބެހެއްޓުމެވެ.

މީގެ އިތުރުން ފަތުރުވެރިންނަށް އިސްލާމީ ރިވެތި އަހުލާގުގެ ސިފަތައް އަހަރެމެންގެ މުއާމަލާތުން ފެނިގެންދިއުމެވެ. މިސާލަކަށް އިސްލާމީ މެހުމާންދާރީކަމާއި އިސްލާމީ ސަގާފަތާ ފުށުނާރާ ހަރަކާތްތައް ހިންގުމެވެ. އިސްލާމީ އެކި ދުވަސްތައް ފާހަގަ ކުރުމާއި އިސްލާމީ މުބާރާތްތައް ބޭއްވުން ފަދަ ކަންކަމެވެ. މިގޮތަށް މިކަންކަން ދާ ނަމަ އަހަރެމެންނަކީ ވަކި ސަގާފީ އައިޑެންޑިޓިޓީ އެއް އޮންނަ ބައެއްކަން ފަތުރުވެރިންނަށް އެނގިގެންދާނެ އެވެ. އޭރުން އެ އަށް ފަތުރުވެރިން އިހުތިރާމު ކުރާނެ އެވެ.

ފަސްވަނަ ކަމަކީ ފަތުރުވެރިންނާ މުއާމަލާތު ކުރާނެ ރިވެތި ގޮތްތައް މީހުންނަށް ދަސްކޮށްދިނުމެވެ. މިގޮތުން ފަތުރުވެރިކަމުގެ ހިދުމަތްތައް ދޭ މީހެއް ކަމުގައި ވިއަސް އެކަން ކުރުމަށޭ ކިޔާފައި ސަގާފީ އައިޑެންޓިޓީ ދޫކޮށްލެވިގެން ނުވާނެ ކަމާއި މިކަމުގައި އޮންނަން ޖެހޭ ރަތް ރޮނގުތައް ދަސްކުރުމާއި ފަތުރުވެރިންނަށް އިސްލާމީ ރިވެތި ގިޔަމުތައް ދައްކައި ދޭނީ ކިހިނަކުން ކަން ފަދަ ކަންކަން ދަސްކޮށްދެވެން ޖެހެ އެވެ. މިސާލަކަށް ހަރާމް ބެލުންތަކުން ދުރުހެލިވުމާއި ފަތުރުވެރިންނަށް ކަމަށް ވިޔަސް ހަލާލު ނޫން ކާބޯތަކެތި ފޯރުކޮށް ނުދިނުން ފަދަ ކަންކަމެވެ. މީގެ މާނައަކީ އެ މީހުންނަށް ހާއްސަ ތަންތަނުގައި އެ މީހުންގެ ދީނުގައި މަނާ ނޫން ކަންކަން އަހަރެމެން މަނާ ކުރުމެއް ނޫނެވެ.

މަދީނާގައި އުޅުނު ޣައިރު މުސްލިމުންނާ މުއާމަލާތު ކުރުމުގައި ގެންގުޅު އުސޫލަކީ "އެ މީހުން އެމީހުން ގަބޫލުކުރާ ދީނެއްގެ މަތީގައި އުޅެން ދޫކޮށްލާށެވެ" އެވެ. ވީމާ ފަތުރުވެރިންނަށް ހާއްސަ އޭރިއާތަކުގައި އެ މީހުން އަމިއްލަ އަށް ކުރާ ކަންކަން މަނާކޮށްގެން ނުވާނެ އެވެ. މުހިންމު ކަމަކީ އަހަރެމެން އެކަމުގައި ބައިވެރި ނުވުމާއި އާންމު ތަންތަނުގައި އެ މީހުން އެފަދަ ކަންކަން ކުރަން ފުރުސަތު ނުދިނުމެވެ.

ހަވަނަ ކަމަކީ އިސްލާމީ ސަގާފީ އައިޑެންޓިޓީ ދެމެހެއްޓުމުގައި ދައުލަތުގެ މުއައްސަސާތަކާއި އިލްމުވެރިންނާ ދެމެދު ގުޅިގެން މަސައްކަތް ކުރުމެވެ. މިގޮތަށް މަސައްކަތް ކުރުމުގައި ދައުލަތުގެ ފަރާތުން އިސްލާމީ ސަގާފަތަށް އިހުތިރާމު ކުރަން ޖެހޭނެ އެވެ. އެކަމަށް މީހުން ހޭލުންތެރިވާން ޖެހޭނެ އެވެ. މި ހޭލުންތެރިކަން އުފެއްދުމަށްޓަކައި މައުލޫމާތު ފޯރުކޮށްދެވޭނެ މަންސަތައް ގާއިމު ކުރެވެން ވާނެ އެވެ. ފަތުރުވެރިކަމުގެ ހިދުމަތްތަކަށް ތަމްރީނު ކުރާ މީހުންނަށް އިސްލާމީ ގިޔަމުތައް ދަސްކޮށްދޭން ޖެހޭނެ އެވެ.

ހަތްވަނަ ކަމަކީ ފަތުރުވެރިކަމަކީ އިސްލާމީ ސަގާފަތް ހަލާކު ކުރާ ކަމެއްގެ ބަދަލުގައި އެއީ އިސްލާމީ ރިވެތި ސަގާފަތް ފަތުރަން ބޭނުންކުރާ ވަސީލަތަކަށް ހެދޭތޯ ބެލުމެވެ. މިގޮތުން އިސްލާމީ ސަގާފީ ޓުއާތައް އިންތިޒާމު ކުރެވިދާނެ އެވެ. މިސްކިތްތަކަށް އިހުތިރާމު ކުރަން ދަސްކޮށްދެވިދާނެ އެވެ. އިސްލާމް ދީނާ ބެހޭ ލުއިފޮތްތައް ފަތުރުވެރިންނަށް ފަސޭހައިން ލިބޭ ގޮތަށް ހެދިދާނެ އެވެ. އަދި ފަތުރުވެރިކަމުގެ މުރުޝިދުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެހީތެރިވުމާއި އޯގާތެރިވުން ފަދަ އިސްލާމީ ރިވެތި އަހުލާގުގެ ވެރިން ކަމުގައި ހެދިދާނެ އެވެ.

މިކަންކަން ކުރެވިއްޖެ ނަމަ ސަގާފަތް ގުރުބާން ނުކޮށް ވެސް ފަތުރުވެރިކަމުގެ ނަފާ ހޯދިދާނެ އެވެ.