ބައްސާމް ނެންގެވި ފީފާގެ ދިފާއު މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް
ބައްސާމް ނެންގެވި ފީފާގެ ދިފާއު މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނާ ދިފާއު ކްރިމިނަލް ކޯޓުން ބަލައިނުގަތް މައްސަލައިގެ އިސްތިއުނާފު ހައި ކޯޓަށް ބަލައިނުގަންނަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމްއަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.

އެ މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ ބައްސާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި ދިފާއު ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމާފައިވަނީ އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލު ބައްސާމްގެ ފަރާތުން ހުށަހަޅާފައި ނެތުމުންނެވެ. ރަޖިސްޓްރާގެ ނިންމުމުގައި ބުނީ ދަށު ކޯޓުގެ ނިންމުން ގާނޫނީ ގޮތުން ގޯސްވާ ސަބަބެެއް ތަފްސީލުކޮށް ބަޔާންކޮށްފައިނުވާ ކަމަށެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ބައްސާމްގެ ފަރާތުން ބުނެފައިވަނީ ފީފާގެ ފައިސާތަކަކަށް ހިނާޔާތްތެރިވި ކަމަށް ބުނާ މައްސަލައެއް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށާއި އަދި ފީފާގެ ހުއްދަ ނެތި އެފަދަ ކަމެއް ކުރުމަކީ އެ ގައުމެއް ފީފާއިން ސަސްޕެންޑް ކުރެވޭނެ ކަމެއް ކަމަށް ބައްސާމްގެ ފަރާތުން ބުނެފައިވެ އެވެ.

ބައްސާމްގެ ފަރާތުން ބުނެފައިވާ ގޮތުގައި އެ މައްސަލަ ބެލުމުގެ ކުރިން ފީފާގެ ހުއްދަ ދައުލަތުން ހޯދާފައެއް ނުވެ އެވެ. އަދި އެހެން ބައެއް ގައުމުތަކުގައި ވެސް އެފަދަ ކަންކަން ދިމާވުމުން އެ ގައުމުގެ ތަހުގީގީ އިދާރާތަކުން ފީފާގެ ހުއްދަ ނެތި އެފަދަ ކަންކަން ނުބަލާނެ ކަމަށް ބައްސާމްގެ ފަރާތުން ބުނެފައިވެ އެވެ.

ނަމަވެސް ދައުލަތުން ބުނެފައިވަނީ ފީފާއިން އެފްއޭއެމްއަށް ފައިސާ ދިނީ ވަކި ބޭނުމެއްގައި ކަމަށް ވާއިރު، އެއާ ހިލާފަށް އެ ފައިސާ ބޭނުންކޮށްފިނަމަ އެ މައްސަލަ ދިވެހި ފުލުހުންނަށް ބެލޭނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އެފަދަ ކަންކަމަށް ނުހިނގާނެ ސަބަބެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެކަންކަމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ވެސް ނިންމީ ފީފާގެ އުސޫލުތައް ރާއްޖޭގެ ގާނޫނަށް ވުރެ އިސް ނުވާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމާފައިވެ އެވެ.

ބައްސާމްގެ މައްޗަށް ތަހުގީގު ހިންގަން އަމުރު ނެރުއްވައި، އޭނާގެ މައްޗަށް ދައުވާ އުފުލި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިކަމާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ ފީފާއިން ދޭ ފައިސާ ރާއްޖޭގެ އެއްވެސް އިދާރާއަކަށް ނުބެލޭ ގޮތަށް ގެންގުޅެވޭނެ ކަމަށް ދެކުމަކީ، މަނީ ލޯންޑަރިން ހުއްޓުވުމާބެހޭ ގާނޫނާ ވެސް އިދިކީލި މަފްހޫމެއް ކަމަށެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ވެސް ހިލާފުވާނެ ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ބައްސާމް ފާހަގަކުރާއިރު ޝަމީމް ވިދާޅުވީ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެއީ ފީފާއިން ނިންމާނެ ކަމެއް ކަމަށާއި ސަސްޕެންޑް ކުރިއަސް، އެ ކަމަކީ ބައްސާމްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ނުބެލޭންވީ ސަބަބެއް ނޫން ކަމަށެވެ.