14 ޑިސެމްބަރ 2025 - 19:53

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި ވިޔަފާރިވެރިންނާ އަންނަ ބުދަ ދުވަހުގެ ރޭ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ހިޔާލާއި މަޝްވަރާ ހޯއްދަވައި ރައްޔިތުން ކަންބޮޑުވާ ކަންކަން އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުކުރެއްވުމެއް ކަަމަށެވެ.
އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވުމަށް ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި މާލޭގެ ގިނަ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތަކާއި ހިޔާލާއި މަޝްވަރާ ހުށަހަޅުއްވަން ވަނީ ފުރުސަތު ދެއްވައިފަ އެވެ.
ގިނަ ބަޔަކަށް ފުރުސަތުދީގެން ބާއްވަވާ އެ ބައްދަލުވުންތަކުގައި އާއްމުން އެމަނިކުފާނަށް ހުށަހަޅުއްވާ ހުރިހާ ކަމަކަށް އެޓެންޑްކުރައްވައި ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފަ އެވެ.