14 ޑިސެމްބަރ 2025 - 20:18

އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ފާހަގަކުރަން ތިބި ބަޔަކަށް ބަޑިން ހަމަލާދިން ދެ މީހުންގެ ތެރެއިން އެކެއްގެ ގައިގައި ބައްދައިގަނެ ބަޑި އަތުލައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން މީހާ އަކީ މުސްލިމެއް ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ނުރައްކާތެރި ހަމަލާގައި 11 މީހަކު މަރާލާފައި ވާއިރު އޭގެ ތެރޭގައި، ހަމަލާ ދިން އެކަކު ހިމެނެ އެވެ. ހަމަލާގައި ދެން ބައިވެރިވި މީހާ ވެސް ޒަހަމްވެ ހާލު ދެރަ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
މި ހަމަލާގެ ތެރޭގައި އެންމެ ބޮޑަށް ސަމާލުކަން ލިބިފައިވަނީ ހަމަލާދިން އެކަކު ގަހެއްގެ ނިވަލުގައި ހުރެގެން މީހުންނާ ދިމާލަށް ބަޑިޖަހަނިކޮށް، ޕާކުކޮށްފައިވާ ކާރެއްގެ ފަހަތުގައި ފިލައިގެން ހުރުމަށް ފަހު، ހަމަލާ ދެމުން ދިޔަ މީހާއާ ދިމާލަށް ކުއްލިއަކަށް ގޮސް ކަރާއި ބަޑީގައި ހިފައި ހަމަލާ ހުއްޓުވި މަންޒަރަށެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހަމަލާ ދެމުން ދިޔަ މީހާ ބިންމައްޗަށް ވައްޓާލައި ހަތިޔާރު އަތުލުމަށް ފަހު އެ މީހާއާ ދިމާލަށް ބަޑި ދިއްކުރެ އެވެ.
ބަޑި އަތުލުމަށް ފަހު ބަޑިން ބިރު ދެއްކުމާ އެކު، ހަމަލާދިން މީހާ ފިލަން ދުރަށްދެ އެވެ. ބަޑި އަތުލި މީހާ އެ ހިސާބުން ބިންމަތީގައި ބަޑި ބޭއްވުމަށް ފަހު އަތްމައްޗަށް ނަގައި، އޭނާ އަކީ ނުރައްކަލެއް ނޫންކަން އެތަނުގައި ތިބި ފުލުހުންނަށް އަންގަ އެވެ.
ބަތަލެއްގެ ގޮތުގައި މީޑިއާއިން މިހާރު ސިފަކުރަމުން އަންނަ މި މީހާގެ ތިމާގެ މީހަކާ ހަވާލާދީ އޮސްޓްރޭލިއާގެ 7ނިއުސް އިން ބުނީ، އެ މީހަކީ 43 އަހަރުގެ މުސްލިމެއް ކަމަށްވާ އަހްމަދު ކަމަށެވެ. އެއީ ދެ ކުދިންގެ ބައްޕައެއް ކަމަށާއި ހަމަލާ ހުއްޓުވަން އުޅުމުގެ ތެރޭގައި ވަޒަނެއް އަރައި ޒަހަމްވި ކަމަށާއި އެހެންވެ ސާޖަރީއެއް ހަދަން މިހާރު އޮތީ ހޮސްޕިޓަލްގައި ކަމަށް ވެސް ބުންޏެވެ.
"ދެ ވަޒަން އެރި. މިހާރު ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި ބާއްވައިގެން،" މުސްތަފާއަށް ބޮޑުބޭބެ ކިޔާ މީހެއް ކަމަށްވާ މުސްތަފާ ބުނެފައިވެ އެވެ.
އަހްމަދަކީ ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނެއް ވެސް ލިބިފައިވާ މީހެއް ނޫން ކަމަށާއި ހަމަލާ ދެމުން ދިޔަ މީހާ ހުއްޓުވަން ޖެހިލުމެއް ނެތި ދިޔައީ ވެސް ހުސްއަތާ ކަމަށް އާއިލާގެ މީހާ ބުނެފައިވެ އެވެ.
އަވަހަށް ހަމަލާ ހުއްޓުވައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެކަކީ މުސްލިމެއް ކަމަށް ވާއިރު އޮސްޓްރޭލިއާގެ އިސްލާމިކް ކޮމިއުނިޓީން ވަނީ އޭނާއަށް ތައުރީފުކޮށްފަ އެވެ. އަދި މިއަދުގެ ހަމަލާ އަކީ ރަހުމެއް ނެތް ލާއިންސާނީ ހަމަލާއެއް ކަމަށާއި އެފަދަ އަމަލުތައް ކުށްވެރިކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަނެއްކޮޅުން، އިޒްރޭލުން ވަނީ މިއީ އޮސްޓްރޭލިއާގައި ޔަހޫދީންނާ ދެކޮޅު ހަރަކާތްތަކަށް ފުރުސަތު ދީފައި އޮންނާތީ ހިނގި ހާދިސާއެއް ކަމަށް ސިފަކޮށް އެކަން ކުށްވެރިކޮށްފަ އެވެ.