16 ޑިސެމްބަރ 2025 - 13:44

ސައޫދީ އަރަބިއްޔާގައި މި އަހަރު 340 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި ކަމަށާއި މިއީ މިހާތަނަށް ސައޫދީން އެއް އަހަރު ތެރޭ އެންމެ ގިނަ މީހުންނަށް މި ހުކުމް ތަންފީޒުކުރި އަހަރު ކަމަށް އޭއެފްޕީގެ ހިސާބުތަކުން ދައްކައިފި އެވެ.
އޭއެފްޕީން ބުނީ މި އަދަދު ހަމަވީ އިއްޔެ ތިން މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާ އެކުގަ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒުކުރުން ދެން އެންމެ ގިނައީ އީރާނާއި ޗައިނާގަ އެވެ.
ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން މިފަދަ ހިސާބުތައް 1990 ގެ ތެރޭގައި މި ހިސާބުތައް ބަލަހައްޓަން ފެށި ފަހުން މިއީ ސައޫދީން އެ ގައުމުގެ ރެކޯޑް ޖެހިޖެހިގެން އިތުރުވި ދެ ވަނަ އަހަރެވެ.
ސައޫދީން މިދިޔަ އަހަރު 338 މީހަކަށް މަރުގެ ހުކުމް ތަންފީޒުކުރި އެވެ.
ސައޫދީގެ ރަސްމީ ނިއުސް އެޖެންސީން އާންމުކުރި އިންޓީރިއާ މިނިސްޓްރީގެ ބަޔާނެއްގައި ބުނީ އިއްޔެ މަރުގެ ހުކުމް ތަންފީޒުކުރި ތިން މީހުންނަކީ ގަސްތުގައި މީހުން މެރުމުގެ ކުށް ސާބިތުވެފައިވާ މީހުން ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު ސައޫދީން ވަނީ 232 މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. މި އެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުން ހުރި މީހުން ކަމަށް ވާއިރު މި އަހަރު ސައޫދީގައި މެރި މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ކުށްވެރިވި މީހުން ކަމަށް ރަސްމީ ބަޔާންތަކުން އެނގެ އެވެ.
ދިރާސާކުރާ މީހުން ބުނާ ގޮތުގައި ސައޫދީގައި މަރުގެ އަދަބު ތަންފީޒުކުރާ މީހުންގެ އަދަދު އިތުރުވެފައިވަނީ 2023 ވަނަ އަހަރު އެ ގައުމުގައި މަސްތުވާތާތަކެއްޗާ ދެކޮޅަށް ފެށި ބޮޑު ކެމްޕެއިނާ އެކުގަ އެވެ. އެ ކެމްޕެއިނުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައި ވާއިރު މިހާރު މަރަމުންދަނީ އޭރު ހައްޔަރުކުރި މީހުންގެ ތެރެއިން ކުށް ސާބިތުވެ ޝަރީއަތް ނިމުނު މީހުން ކަމަށް ބެލެވެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުން ސައޫދީން މެދުކަނޑާލާފައި އޮންނަތާ ތިން އަހަރު ފަހުން އެ އަދަބު އަލުން ދޭން ފެށީ 2022 ވަނަ އަހަރު އެވެ.
ސީރިއާގެ ވެރިކަމުގައި ބައްޝާރުލް އަސަދު ހުންނެވި އިރު އެ ގައުމުން އެންމެ ގިނައިން ބޭރުކުރި އެއް ބާވަތަކީ ނުރައްކާތެރި ޑްރަގެއް ކަމަށްވާ ކެޕްޓަގަން އެވެ. އޭގެ އެންމެ ބޮޑު މާކެޓަކަށް ވެފައި އޮތީ އަރަބި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ސައޫދީ ކަމަށް އދ. އިން ބުނެފައިވެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ސައޫދީން ފެށި މަސައްކަތުގައި ފުލުހުންގެ ޗެކްޕޯސްޓްތައް އިތުރުކޮށް ގިނަ ބަޔަކު އަތުލައިގެންފައި ވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނެ އެވެ. -- އޭއެފްޕީ