އެކްސިޑެންޓެއްގައި ނޯރަ ފަތެހީއަށް އަނިޔާވެއްޖެ
އެކްސިޑެންޓެއްގައި ނޯރަ ފަތެހީއަށް އަނިޔާވެއްޖެ

އިންޑިއާގެ މުމްބާއީގައި ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ބޮލީވުޑްގެ ނެށުންތެރިޔާ ނޯރާ ފަތެހީއަށް އިއްޔެ އަނިޔާވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ދެ ކާރު ޖެހި އެ އެކްސިޑެންޓު ހިނގީ އިއްޔެ މެންދުރު ފަހު މުމްބާއީގައި ބޭއްވި ޝޯއަކަށް އޭނާ ދަނިކޮށެވެ.

ނޯރާ މިއަދު އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެކްސިޑެންޓުގައި އޭނާގެ ބޮލަށް އަނިޔާވި ކަމަށެވެ. އޭނާއަށް މާ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް، ކާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ އެކްސިޑެންޓު ހިނގީ އޭނާގެ ކާރު އެހެން ކާރެއްގައި ޖެހިގެން ކަމަށާއި އަނެއް ކާރު ދުއްވަން އިނީ މަސްތުގެ ހާލަތުގައި އިން މީހެއް ކަމަށް ވެސް ނޯރާ ބުންޏެވެ.

"އަހަރެންގެ ހާލު ރަނގަޅު. ކުދިކުދި އަނިޔާތައް ލިބިފައި ހުރީ، ތަންތަން ދުޅަވެފައި،" އޭނާ ބުންޏެވެ.

"މިއީ މަސްތުގެ ހާލަތުގައި ހުރެ ވެހިކަލް ނުދުއްވަންވީ ސަބަބު."

ނޯރާ ބުނީ ރަލާއި ޑްރަގާ އޭނާ ދެކޮޅު އެންމެ ބޮޑު އެއް ސަބަބަކީ މި ކަހަލަ ހާދިސާތައް ހިނގުން ކަމަށާއި އެ ކަންކަމާ އެންމެން ވެސް ދުރުވާން ޖެހޭ ކަމަށެވެ.

ހަޔާތުގައި ވެސް އެހާ ބިރުވެރިކަމާ އަދި ދިމާ ނުވާ ކަމަށް ވެސް ނޯރާ ބުންޏެވެ.