ބީއެމްއެލް ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްފި
ބީއެމްއެލް ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުތައް ކުރިއަށް އޮތް ތިން އަހަރަށް ސްޕޮންސާކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައި އެފްއޭއެމްއާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ސްޕޮންސާޝިޕުގެ ދަށުން ބީއެމްއެލް އަކީ ގައުމީ ފިރިހެން، އަންހެން އަދި ޔޫތު ޓީމުތަކުގެ އެކްސްލޫސިވް ސްޕޮންސަރެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ގައުމީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ގައުމީ ޓީމުތަކުގެ ސްޕޮންސަރަކަށް އެ ބޭންކް ހަމަޖެހުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

"ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. ގައުމީ ފުޓްބޯޅަ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓްބޯޅައިން އުއްމީދީ ތަސައްވުރެއް ގެނެސްދިނުން،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް އަހުމަަދު ތޯރިގް (ޓޮމް) ވިދާޅުވީ މި އެހީތެރިކަމަކަީ އެފްއޭއެމް އަށާއި، ދިވެހި ފުޓްބޯޅަ ދިރުވައި އާލާކުރަން ކުރަމުން އަންނަ މަސައްކަތަށް ބޭންކުގެ އިތުބާރު އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

"މި ޕާޓްނާޝިޕުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން، މުޅި ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ،" ޓޮމް ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމުތައް ސްޕޮންސާކޮށްފަ އެވެ. ރާއްޖޭގެ ކުޅިވަރަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެ ބޭންކުން އިއްޔެ ވަނީ ޖެހިޖެހިގެން ތިން ވަނަ އަހަރެއްގައި ރާއްޖޭގެ އެތުލީޓުންނަށް ސްޕޯޓްސް ސްކޮލަޝިޕް ދޭން ނިންމައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެކު ސޮއިކޮށްފަ އެވެ. މީގެ އިތުރުން ބާސްކެޓްބޯޅަ، ސްވިމިން، ސާފިން ފަދަ ކުޅިވަރުތަކަށް ވެސް ބީއެމްއެލް އިން އެހީތެރިވެދެ އެވެ.